އައްޑޫ ސިޓީއިން އިތުރު ފަރުވާއަށް ރޭ ދަންވަރު މާލެ ގެނައި ބަލި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން 14 ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީ މިއަދު ފުރަބަންދު ކޮށްފި އެވެ.

ކޯވިޑާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުން އައްޑޫ އިމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި އޮންލައިން ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ އައްޑޫގައި މިހާރު ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ގަބޫލުކުރެވޭތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކާ އެކު ފުރަބަންދުގެ ހާލަތު ލުއިކޮށް ނުނަގާނެ ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވީ މި ހާލަތާ ގުޅިގެން އެންމެ ރައްކާތެރި ގޮތަކީ ރައްޔިތުން ގެއިން ނުނިކުމެ ގޭގައި ތިބުން ކަމަށާއި އެއްވެސް ހިދުމަތެއް ދައްޗެއް ނުވާނެ ގޮތަށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށެވެ.

އައްޑޫ ސިޓީން ބޭރަށްވެސް އަދި އައްޑޫ ސިޓީއަށްވެސް އެއްވެސް މީހަކަށް ނުދެވޭނެ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

އައްޑޫ ސިޓީއިން ކޮވިޑަށް މީހަކު ޕޮޒިޓިވްވިކަން އެނގުނީ، އިއްޔެ ހެނދުނު އެ ހޮސްޕިޓަލަށް ދިޔަ ހިތުގެ ބައްޔަށް ފަރުވާހޯދާ މީހަކު އިތުރު ފަރުވާ އަށް މާލެ ގެނެސް، އައިޖީއެމްއެޗުން ހެދި ރޫޓިން ޓެސްޓަކުންނެވެ. ބައްޔަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 766 އަށް އަރައިފައެވެ.