ފެތުރެމުންދާ ކޯވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގައި އުފައްދާފައިވާ ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތް މެދުކެނޑުމެއް ނެތި 18 އޭޕްރިލް 2020 އިން ފެށިގެން 24 ގަޑިއިރު އަންނަނީ ފޯރުކޮށްދެމުންނެވެ.
ކުޅުދުއްފުށީ ސިޓީއަކީ އުތުރުގެ ދަތުރު ފަތުގެ މައި ބަދައަށް ވުމުގެ އިތުރުން އުތުރުގެ ތިން އަތޮޅުން ސިއްހީ ޚިދުމަތްތައް ލިބިގަންނަ ހޮސްޕިޓަލް ހުންނަ ސިޓީއެވެ.

އެސިޓީއަކީ އުތުރުގެ ވިޔަފާރީގެ މައި މަރުކަޒުވެސް މެއެވެ. އެސިޓީގައި ގާއިމުކޮށްފައިވާ ގިނަ ގުނަ ޚިދުމަތްތަކުގެ ބޭނުން ހިފުމަށް އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން އެސިޓީއަށް ޒިޔާރަތް ކުރެއެވެ.

ކޯވިޑްގެ މިހާލަތުގައި ހުރިހާ ރަށަކާއި ސިޓީއަކަށް ފަރުވާ ތެރިވެ ބަލަހައްޓަން ޖެހޭއިރު، ވަކީން ހާއްސަކޮށް މިފަދަ ގިނަ އަދަދެއްގެ މީހުން ޖަމާވާ ސިޓީއަކަށް ފަރުވާތެރިވެ، ބެލެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތް އޮތީ އިތުރުވެފައެވެ. ސަބަބަކީ އެސިޓީއާއި، އެހެން ރަށްތަކުގެ ރައްޔިތުންގެ ސަލާމަތަށްޓަކައެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނިގޮތުގައި ކޯވިޑް-19 ރޯގާއާއި ގުޅިގެން އެސިޓީގައި އުފައްދާފައިވާ ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތް މެދުކެނޑުމެއް ނެތި 18 އޭޕްރިލް 2020 އިން ފެށިގެން 24 ގަޑިއިރު ދަނީ ފޯރުކޮށްދެމުންނެވެ.

މި ޑެސްކުގައި ދަރުމަވެރިން އަދި ބައެއް މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުން ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

އެކައުންސިލުގެ އަމާޒަކީ މި ދަތި އުނދަގޫ ދަނޑިވަޅުގައި ކުޅުދުއްފުށި އަދި ސަރަހައްދުގެ ރަށްތަކުގެ ރައްޔިތުންގެ ބޭނުންތައް ހަމަތަކާއި އުސޫލުތަކުގެ މަތިން ފަސޭހަކަމާއެކު ހަމަޖައްސައި ދިނުން ކަމަށާއި، މި ކަމުގައި ހުރިހާ ބޭފުޅުންވެސް ދެއްވާ އެއްބާރުލުމަށާއި އަދި ޑެސްކުގެ އެކި އޮޕަރޭޝަންސްގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.

ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނާއި، ސަރަޙައްދުގެ ރައްޔިތުންގެ ސަލާމަތަށްޓަކައި މިބުރަ މަސައްކަތުގައި ދެމި ތިބި އެތައް ބޭފުޅުންނެއް ތިބި އިރު، އެ ހުރިހާ މޫނުތަކެއް މިރިޕޯޓްގައި ހިމަނާލެވިފައި ނުވިޔަސް އެ އެންމެހާ ބޭފުޅުން ކުރަށްވަމުން ގެންދަވާ ޚިދުމަތްތެރި މަސައްކަތަށް އައްސަރިބަހާއި ސާބަސް ދަންނަވަމެވެ.

ހަމަ މިބީދައިން އެހެން ރައްތަކުގައިވެސް ބުރަ މަސައްކަތްތަކެއް ދަނީ ކުރެވެމުންކަން މިފުރުޞަތުގައި ފާހަގަކޮށް، އެރަށްތަކުގެ ހުރިހާ ޚިދުމަތްތެރީންނަށްވެސް ސާބަސް ދަންނަވަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!