ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން މާލެސިޓީގައި ހިންގާފައިވާ ފުރަބަންދުގެ އަމުރާއި ޚިލާފުވި 13 މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިގޮތުން ހައްޔަރު ކުރެވުނު 13 މީހުން ތެރޭގައި ހިމެނީ މާލެއިން ހައްޔަރު ކުރެވުނު 12 މީހުންނާއި އަދި ހުޅުމާލެއިން ހައްޔަރު ކުރެވުނު މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން ފުރަބަންދުގެ އަމުރާއި ޚިލާފަށް ބޭރުގައި އުޅުނު 177 މީހެއް އިއްޔެ ޖޫރި މަނާ ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ޖޫރިމަނާ ކުރެވުނު 159 މީހުންނާއި، ހުޅުމާލެއިން ޖޫރިމަނާ ކުރެވުނު 17 މީހުންނާއި އަދި ވިލިމާލެއިން ޖޫރިމަނާ ކުރެވުނު މީހެކެވެ.
ފުލުހުން ބުނީ ފުރަބަންދުގެ އަމުރާއި ޚިލާފަށް ބޭރުގައި އުޅެގެން ރޭ މެންދަމު 1:15 އާއި ހަމައަށް 153 މީހުން ހައްޔަރު ކުރެވިފައިވާ ކަމަށެވެ. އަދި އެ އަމުރާއި ޚިލާފުވެގެން 2674 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށްވެސް ފުުލުހުން ވަނީ ހާމަކުރަށްވަައިފައެވެ.
މާލޭސިޓީގައި ހިންގާފައިވާ ފުރަބަންދުގެ އަމުރުގެ މުއްދަތުވަނީ ހުސްވި އޭޕްރިލް މަހުގެ 29 ވަނަ ދުވަހުން ފެށިގެން އިތުރު 14 ދުވަހަށް އިތުރުކޮށްފައެވެ.
ފުރަބަންދުގެ ފުރަތަމަ 14 ދުވަހު ފުލުހުންވަނީ އެ އަމުރާއި ޚިލާފުވާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާއާއި، ހައްޔަރު ކުރުމެއްނެތި ދޫ ދީފައިއެވެ.
ފުރަބަންދުގެ ވަގުތުގައި ޒަރޫރީ ބޭނުމަށް ކޮންމެ ގޭބިސީއަކުން އެކަކަށް ތިން ދުވަހުން އެއްދުވަހު ބޭރަށް ނުކުތުމަށް ފުލުހުން ދަނީ ހާއްސަ ހުއްދައެއްވެސް ދޫކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!