ކޯވިޑް19ގެ ނުރައްކާތެރި ވަބާއާއި ދިވެހިން ހަނގުރާމަ ކުރަމުން ދާއިރު މި ހަނގުރާމައިގެ ކުރީސަފުގައި އެތައް ދިވެހިންނެއް ދަނީ ގުރުބާން ވަމުންނެވެ. އާއިލާ އާއި ދުރުގައި މައިންނާއި ދަރިން އަދި ބަފައިންވެސް މިދަނީ ގުރުބާން ވަމުންނެވެ. ފުރާނަ އަތްމައްޗަށް ލައިގެން ކުރީސަފުގައި ހަނގުރާމަ ކުރަމުންދާ ކޮންމެ މީހެއްގެވެސް ދުޢާއަކީ މިކުޑަކުޑަ ގައުމު މިކަމުން މިންޖު ކުރެއްވުމެވެ.
ލޯބިވާ ދިވެހި އަހުންނާ އުހުތުން. އަހަރެން މިއަދު އަހަރެންގެ ހަގު ދަރި މިވަނީ ގައުމާ ހަވާލު ކޮށްފަ. މިޔަކީ އެހާ ފަސޭހަ ކަމެއް ނޫން. މި އުނދަގޫ ދަނޑިވަޅުގައި ތިމާއަށް ގައުމަށްޓަކާ ކޮށްދެވެން އޮތް ކަމެއް ކޮށްދެވޭތޯ ބަލަންވީ.
މިއީ މި ހަނގުރާމައިގެ އެންމެ ކުރީސަފުގައި ހަރަކާތްތެރިވާ ޒުވާން އަންހެން ކުއްޖެއްގެ މަންމަގެ އިޙްސާސްތަކެވެ.
ފާތިމަތު ނަޝީރު ފޭސްބުކްގައި ލިޔެފައިވާ އޭނާގެ އިޙްސާސްތަކެވެ. ދަރިފުޅުގެ އެ ހިތްވަރުގަދަ ގުރުބާނީއާއި ދަރިފުޅުގެ އިތުރު މަޢުލޫމާތު ހިއްސާކުރަމުން އެމަންމަ އިތުރަށް ބުނެފައިވެއެވެ.
މިއަދު ފުރާނަ އަތް މައްޗަށް ލައިގެން އަހަރެންގެ ދަރިފުޅު އެދަނީ އެތަށް ބައެއްގެ ޓެސްޓް ހަދަމުން. އޭނަ ހެދި ބައެއް ޓެސްޓްތައް ވަނީ ޕޮސިޓިވްވެފަ. އަހަރެންގެ ދަރިފުޅަކީ މެޑިސިން ކިޔަވާ ކުއްޖެއް. އަދި ނިމުނީ ފުރަތަމަ އަހަރު. އޭނަ އަކީ مَا شَاءَ ٱللَّٰهُ، އަބަދުވެސް މީހުންނަށް އެހީވާ ކުއްޖެއް. އަހަރެންގެ ދަރިފުޅު ގައުމީ ޚިދުމަތަށް މިނެރުނީ އަހަރެންނަށް ބަދަލުގައި އެއްޗެހިތަކެއް ލިބޭނެތީއެއް ނޫން. ހިލޭ ސާބަހަށް.
މިކަމުގައި ގުރުބާންވަމުންދާ އެޒުވާނާއަށް އަންނަނީ އެކިއެކި ގޮންޖެހުންތައްވެސް ކުރިމަތި ވަމުންނެވެ. އެކަންކަން ބަޔާންކޮށްދެމުން އެޕޯސްޓުގައި އިތުރަށް ބުނެފައި ވެއެވެ. ބައެއް ގޭގެއަށް ގޮސް 7 ވަނަ ފްލޯ އަށް ހަޒްމަޓް ސުއިޓް ލައިގެން އަރާ އިރު އެހެން ފްލޯ ތަކުން މީހުން އެކުދިންނާ ދިމާލަށް ހަޅޭ ލަވަމުން އަންނަ އިރު އެކުދިން މާނޭވާ ލަމުން އަރާ އިރުވެސް ބެލުމެއް ނެތްކަމަށް ބުނެފައިވެއެވެ. މިގޮތަށް ކަންތައް ކުރުމަކީ ހިތާމަ ކުރާކަމެއްކަމަށް ބުނެފައިވެއެވެ.
އަހަރެން އެންމެން ލޯބިވި މަންމަ އަހަންނާ ކުޑައިރު ވަނީ ވަކިވެފަ. އަދި އަހަރެންގެ ހަގު ދަރިފުޅުވެސް އަހަރެންނާ ވަކިވެގެން ގޮއްސި. އަހަރެން މިއަދުވެސް އެކަމާ ހިތާމަކުރަން. ނަމަވެސް އަހަރެން ދަރިފުޅު މިފޮނުވީ ބަލިވާއިރު ބަލިވާނީ ހަމަ ކޮންމެވެސް މީހެއްގެ މަންމަ، ބައްޕަ، ބޭބެ، ދައްތަ، ކޮއްކޮ ނޫނީ ދަރިފުޅު. އެމީހުންނަށް ދެން ތިބި މީހުން އެހީ ނުވާނަމަ އެމީހުން ވެސް ދެރަ ވާނެ.
މިއީ އެމަންމަ ގޭގައި އިންނައިރު ހިތުގައި ހިނގާ އިޙްސާސްތަކެވެ.
އެމަންމަ އިތުރަށް ބުނީ ދަރިފުޅު ދިޔަފަހުން ވަރަށް ދެރަވާކަމަށެވެ. ދަރިފުޅު ދިޔަ ފަހުން އަދި ފެނުނީ އެންމެ ފަހަރަކުކަމަށް ބުނެފައިވެއެވެ.
އަހަރެން އޭނަ އާއި ލެޕްޓޮޕް ހަވާލު ކުރަން ކަރިވާން އުޅުނީމަ ބުނީ ބޭގް ތިރީގަ ބައިންދާފަ މަންމަ ކައިރި ނުވާށޭ. ވަރަށް އަސަރު ކުރި. މިއަދު ކޮންމެވެސް ރަށަކަށް ޓެސްޓް ނަގަން ދޭ. ދެން ނޭންގެ ދިމާވާނެ ދުވަހެއް.
އެމަންމަގެ ދިގު ޕޯސްޓް ނިންމާލާފައިވަނީ އޭނާގެ ކުޑަ ދަރިފުޅު ﷲގެ ހެޔޮ ރަހުމަތުގައި ލެހެއްޓެވުން އެދި ދުޢާ ކުރަމުންނެވެ.
އޭނާ އެކުރާ ބުރަ މަސައްކަތުގައި ﷲ ބަރަކާއި ލެއްވުން އަދި އަހަރެންގެ ލޯބިވާ ދަރިފުޅު ރީއަތު ހަމީދުގެ ފާފަ ފުއްސަވާ ދެ ދުނިޔޭގެ ބާއްޖަ ވެރިކަން ލިބުން. އާމީން.💔😢
މި އާޓިކަލް ގެނެސްދިނުމުގެ ބޭނުމަކީ މަންމައެއްގެ އިޙްސާސްތަކާއި ދިވެހި ރައްޔިތުންގެ ކިބައި އެދޭ އެދުމެއް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. ކުރީ ސަފުގައި ގުރުބާން ވަމުންދާ މީހުންނާއި އެމީހުންގެ އާއިލާތައް ކުރަމުންދާ ވޭނާއި އުދާސްތައް ގެނެސްދިނުމުގެ ބޭނުމުގައެވެ. އަދި އެފަރާތްތަކަށް ބަޔެއް ދިވެހިންގެ ފަރާތުން ލިބެމުން އަންނަ ދުއްތުރާލާއި މަލާމާތުން މިފަދަ ފަރާތްތަށް ސަލާމަތް ކުރުމަށް އެހީއަކަށް ވާނެކަމުގެ އުންމީދުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!