ކޯވިޑް- 19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ފުރަބަންދުގެ މުއްދަތުގައި މީޓަރުގެ ރީޑިންގ ނަގަން ގޭގެއަށް ވަދެ އުޅުމަކީ ދެ ފަރާތަށްވެސް ރައްކާތެރި ގޮތަކަށް ނުވާތީ، އޭޕްރީލް މަހުގެ ކަރަންޓު ބިލު ހެދުމަށްޓަކައި ގްރޭޓަރމާލެ ސަރަހައްދުގެ ކަސްޓަމަރުން ވީ އެންމެ އަވަހަކަށް ސްޓެލްކޯގެ ވެބް ޕޯޓަލްއަށް މީޓަރުގެ ފޮޓޯ ފޮނުއްވާދެއްވުން ސްޓެލްކޯއިން އެދިއްޖެއެވެ.

އެކަމާއި ގުޅިގެން ސްޓެލްކޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކޯވިޑް- 19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ފުރަބަންދުގެ މުއްދަތުގައި މީޓަރުގެ ރީޑިންގ ނަގަން ގޭގެއަށް ވަދެ އުޅުމަކީ ގޭގޭގައި ދިރިއުޅުއްވާ ފަރާތްތަކަށާއި އެ ކުންފުނީގެ މުވައްޒަފުންނަށްވެސް ރައްކާތެރި ގޮތަކަށް މި ހާލަތުގައި ނުވާތީ، މިވަގުތައް މިޓަރުތަކުގެ ރީޑިން ނަގަން އިތުރު ގޮތެއް އެ ކުންފުނިން ހަމަޖައްސާފައި ވާކަމަށެވެ.

Ad
rt

އެގޮތުން މީޓަރުގެ ފޮޓޯ ނަންގަވައި އެ ކުންފުނީގެ ވެބް ޕޯޓަލް www.stelco.com.mv/smr މެދުވެރިކޮށް ފޮނުއްވޭނެ އިންތިޒާމް މިހާރު ވާނީ ހަމަޖައްސާފައި ވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓުގެ ޚިދުމަތަށް ބިލްކުރުމުގައި އެ ކުންފުނިން ޢަމަލުކުރަމުން އަންނަ ގޮތުގެމަތީން، މިހިގާ އޭޕްރީލް މަހުގެ ބިލްހެދުމަށްޓަކައި ގްރޭޓަރމާލެ ސަރަހައްދުގެ ކަސްޓަމަރުން ވީ އެންމެ އަވަހަކަށް މި ކުންފުނީގެ ވެބް ޕޯޓަލްއަށް މީޓަރުގެ ފޮޓޯ ފޮނުއްވާދެއްވުން އެދޭ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތަށް ފޮޓޯ ފޮނުވެން ނެތް މީޓަރުތަކަށް ކުރިން އެތަނަކަށް ކަރަންޓު ބޭނުން ކުރައްވަމުންއައި މިންވަރަށާއި، މި ހާލަތުގައި އެތަނެއް ބޭނުންކުރައްވަމުން އަންނަގޮތަށް ބަލައި އެވްރެޖް ބިލެއް ހެދުމަށް ވަނީ ހަމަޖެހިފައި ވާކަމަށްވެސް ސްޓެލްކޯއިން އެބަޔާނުގައި ބުނެފައި ވެއެވެ.

" މިދެންނެވި ގޮތަށް އެވްރެޖްބިލެއް އަޅުގަނޑުމެން ހެދި ކަމުގައިވީނަމަވެސް، މިކުންފުނިން އަބަދުވެސް
އަމަލު ކުރަމުން އަންނަ އުސޫލަކީ ކަރަންޓުގެ ހިދުމަތް ބޭނުންކުރާ މިންވަރަށް ބިލް ކުރުން ކަމުގައިވާތީ، އެމިންވަރާއި އެއްހަމަ ކުރުމަށްޓަކައި ފަހުން ފޮނުވޭ ބިލްތަކަށް އެޑްޖަސްޓްމަންޓް ނުވަތަ ބަދަލުތަކެއް ގެނެވިގެންދާނެ އެވެ. އަދި މިގޮތަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން އެއްވެސް ގެއެއްގެ ބިލް ބޮޑު ނުވާނެ ކަމުގެ ޔަގީންކަން މިކުންފުނިން އަރުވަމެވެ." ސްޓެލްކޯ އިން ބުނެފައި ވެއެވެ.

ސްޓެލްކޯއިން ބުނީ މި ޚާއްޞަ ހާލަތުގައި އެންމެންގެ ރައްކާތެރިކަމަށްޓަކައި، ބިލަށް ފައިސާ ދެއްކެވުމަށް އެ ކުންފުނީގެ އެޕްލިކޭޝަނާއި، ވެބްސައިޓް ބޭނުން ކުރެއްވުމަށްވެސް އިލްތިމާސް ކުރާކަމަށެވެ.

ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ ކަންކަމުގައި ކަސްޓަމަރުންއަބަދުވެސް ދެއްވާ އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.