ރާއްޖެ އަކީ ކޯވިޑް-19 ބަލީގެ ސަބަބުން އިގްތިސާދަށް އެންމެ ބޮޑު ލޮޅުމެއް އަރާނެ އެއް ގައުމު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެހެން ވިދާޅުވީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައިމިނިސްޓަރު ވަނީ ކޯވިޑްގެ އިގްތިސާދީ އަސަރާއި ގުޅުވައިގެން ދައުލަތު އާމްދަނީއަށް މިހާރު ކުރާ އަންދާޒާތަކުގެ ފަސް ސިނާރިއޯއެއް ހުށަހަޅައިދެއްވައިފައެވެ.
އެގޮތުން ރާއްޖޭގެ ހާލަތަށް ބަލައި މިވަގުތު އެންމެ ކައިރިކުރާ ސިނާރިއޯގައި ވެސް ދައުލަތަށް ހިލޭ އެހީގެ ގޮތުގައާއި އެހެނިހެން ގޮތުން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 15.2 ބިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 8.9 ބިލިއަން ރުފިޔާގެ ވެއްޓުމެކެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ، ކޮވިޑާ ގުޅިގެން އެކިއެކި ގޮތްގޮތުން ފައިސާ ހޯދަމުންދާއިރު ދައުލަތުގެ ދަރަނި ވެސް ބޮޑުވާނެ ކަމަށެވެ. އެގޮތުން މިއަހަރަށް ފާސްކުރި ބަޖެޓުގައި ގެރެންޓީ ނުހިމަނައި ޖުމްލަ ދަރަނީގެ ގޮތުގައި 57 ބިލިއަން ރުފިޔާ ލަފާކޮށްފައިވީނަމަވެސް، މިހާރުގެ ހާލަތު އޮތް ސިނާރިއޯއަށް ބަލާއިރު ދަރަނި 70.4 ބިލިއަން ރުފިޔާއަށް އިތުރުވެދާނެ ކަމަށާއި، އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 86.6 ޕަސެންޓް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޯވިޑާ ގުޅިގެން 1.6 ބިލިއަން ރުފިޔާގެ ހަރަދު ހިނގާނެ ކަމަށް ބެލެވޭ ކަމަށާއި އަދި އެއަދަދު ހާލަތު ގޯސްވެއްޖެނަމަ އިތުރުވެސް ވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، ޕަބްލިކް ހެލްތުގެ ގާނޫނުގެ ދަށުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި ހެލްތު މިނިސްޓަރު އެދުނު މިންވަރާއި ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ކޮވިޑް 19އާ ގުޅުން ހުރި ހަރަދުތަކަށް 223 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށްދީފައިވާނެ ކަމަށެވެ.
ނަމަވެސް ކޮމިއުނިޓީ ސްޕްރެޑް ފެނުމާއެކު ހަރަދު ވެސް ބޮޑުވެފައިވާ ކަމަށާއި އެގޮތުން މިހާރު 1.6 ބިލިއަން ރުފިޔާގެ ހަރަދު ހިނގާނެކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެ އަންނަ ޓޫރިސްޓުންނަށް އޮންއެރައިވަލް ވިސާ ދޫކުރެވެން ފަށޭނީ މިއަހަރުގެ ޖުލައިގައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!