ރާއްޖޭން ކޮވިޑް 19 އަށް ޕޮޒިޓިވްވި އިތުރު ދެ ދިވެއްސަކު އެބަލިން ރަނގަޅުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިރޭ ބުނީ ކޮރޯނާ އަށް ޕޮޒިޓިވް ވެގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދެމުންދިޔަ ދެ ދިވެއްސަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
"އެދެމީހުންގެ ޓެސްޓު ޑަބަލް ނެގެޓިވް ވުމުން ދެ މީހުން ބަލިން ރަނގަޅުވެފައިވާކަމަށް ވަނީ ނިންމިފައި،"
އެޗްޕީއެ އިން ބުންޏެވެ.
ރާއްޖެއިން މިހާތަނަށް ޖުމްލަ ފަސް ދިވެއްސަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، ތިން ދިވެއްސަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުންދަނީ ދެ ދިވެއްސަކަށެވެ.
ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޔޫކޭއިން އެނބުރި އައި ހަތަރު ދިވެއްސަކާއި ފިލިޕީންސް އިން އައި ދިވެއްސެކެވެ.
Two Maldivian nationals who previously tested positive for #COVID19 and were isolated at Velidhoo Isolation facility, have now recovered after testing twice with NEGATIVE results.
— Health Protection Agency (@HPA_MV) April 14, 2020
ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީނު މުއްދަތު ފުރިހަމަކުރުމުން ކަރަންޓީނުން ދޫކޮށްލަނީ ކޮރޯނާ އަށް ޓެސްޓު ކުރުމަށްފަހު ނެގެޓިވް ވެއްޖެނަމަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮރޯނާ ޖެހިފައިވާ މީހަކު ފެނުނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ. މިހާތަނަށް ޖުމްލަ 20 މީހަކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، ދެ މީހަކު ވަނީ ރާއްޖެއިން ބޭރަށް ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!