2019 ވަނަ އަހަރު ޑިސެމްބަރު ފަހުކޮޅު ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ފުރަތަމަ ފެތުރެން ފެށި ޗައިނާގެ ވޫހާން ސިޓީ އާންމުކޮށް ހުޅުވާލައިފިއެވެ.

ވޫހާން ސިޓީ އަލުން މި ހުޅުވާލީ ބަންދުކުރިތާ 11 ހަފުތާ ފަހުންނެވެ. މިއަދު އެ ސިޓީ ހުޅުވާލުމާއިއެކު ވަނީ އާންމު ދަތުރު ފަތުރުކުރުމުގެ ޚިދުމަތްތައްވެސް ފަށާފައެވެ.

ވޫހާންގެ ރައްޔިތުން ކޮރޯނާވައިރަހަށް ޕޮޒިޓިވް ނޫންކަން ޔަގީންކޮށްދިނުމުން އެހެން ސިޓީތަކަށް ދަތުރު ކުރެވޭ ގޮތްވެސް މިއަދު ވަނީ ހަމަ ޖެހިގެން ގޮސްފައެވެ.

ވުހާން ސިޓީގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލައި، ސިޓީ ހުޅުވާލުމުން އެސިޓީ ހުޅުވާލިތާ ގަޑިއެއްހާއިރު ތެރޭ އެސިޓީގެ 65،000 އެއްހާ މީހުން ފްލައިޓްގައާއި، ރޭލުގައި އެހެން މަންޒިލްތަކަށް ދަތުރު ފަށާފައިވާ ކަމަށް އެ ޤައުމުގެ މީޑިއާއާއި ހަވާލާދީ މާކެޓްވޮޗްގައި ބުނެފައިވެއެވެ.

76 ދުވަހަށް ފަހު 11 މިލިއަން މީހުން ނިސްބަތްވާ އެސިޓީ މިއަދު ހުޅުވާލި އިރު، އެ ސިޓީގެ ރައްޔިތުންނަށް މިއަދު ކުރެވެނީ ބުނަންނޭނގޭ އިހުސާސްތަކެއްކަމަށްވެސް އެސިޓީގެ ބައެއް މީހުން މީޑިއާގައި ބުނެފައިވެއެވެ.

" އަހަރެން ބޭރަށް ނުނިކުމެ ހުންނަތާ 70 ދުވަސް ވެއްޖެ" ޓޯންގ ޒެންގކުން އޭނާގެ އިހުސާސް ހާމަ ކުރަމުން ބުނެފައިވެއެވެ. އޭނާގެ އެޕާޓްމަންޓް ހުންނަ ބިލްޑިންގ އިން ކޮރޯނާވައިރަސް ޖެހިފައިވާ މީހުން ފެނުމާއި އެކު ވެތުވި ދުވަސް ތަކުގައި ޚިދުމަތް ދޭ ހުއްދަދެވިފައިވާ ފަރާތްތައް މެނުވީ އެ ބިލްޑިންގއަށް ވަދެ ނުކުތުން އޮތީ މަނާ ކޮށްފައެވެ.

ވޫހާންގެ ހޫބޭ ޕްރޮވިންސް

ޗައިނާ އިން ކޮރޯނާވައިރަސް ކޮންޓްރޯލްކުރި އިރު އެ ގައުމުން މިހާތަނަށް ވަނީ 81،802 މީހުން ޕޮޒިޓިވްވެ 3،333 މީހުން މަރުވެފަ އެވެ. އެ ޤައުމުންވަނީ މިހާތަނަށް 77،279 މިބަލިން ރަނގަޅުވެފައެވެ.

މުޅި ދުނިޔޭން މިހާތަނަށް ވަނީ 1,447,471 މިލިއަން މީހުން ޕޮޒިޓިވްވެ 83,401 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 309,145 މީހުންނެވެ.