ފުލުހުންގެ އިންޓެލިޖެންސް މަރައިން ޕޮލިސް އަދި ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސް ދޯންޏަކުން 61 ކިލޯގުރާމްގެ ހެރޮއިން ހޯދައި، ހައްޔަރުކުރި މައްސަލައިގައި ހިމެނޭ 11 ދިވެހިންގެ ވަނަވަރު ފުލުހުން އާންމުކުރި އަޑު އަހާފައި އިއްޔެވެސް ހިތަށް އެރީ ހަމަ އެ ވަޢުދުގެ މަތީންނެވެ.

2008 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އަޅުގަނޑު އެންމެ ހިތް ދަމައިގަތް ވަޢުދަކީވެސް އެއީއެވެ. " ވަޠަން އެދޭ ގޮތަށް " ވެރިކަން ލިބުމަށްއެދި މަސައްކަތް ފެށުނު އެންމެ ބޮޑު ސަބަބަކީވެސް އެ ވަޢުދެވެ. ސަރުކާރުއައިސް މަސައްކަތްތަކެއްވެސް ފެއްޓެވިއެވެ. މަސްތުވާ ތަކެތީގެ ބޮޑުން ހޯދުމުގެ މަސައްކަތަށް ކުރިއެރުން ތަކެއްވެސް ހޯދިއެވެ. ތިން އަހަރެއްހާ ދުވަހުން ނިމުނު އެ ވެރިކަމުން އެ ވަޢުދު ނުފުއްދުމަކުން ޝަކުވާއެއް އޮތީއެއް ނޫނެވެ. އެ ވަޢުދަކީ އެނަމުން ނުފުއްދި ނަމަވެސް މިޤައުމުގެ ޖީލު ސަލާމަތް ކުރަން އެދޭ ކޮންމެ ސަރުކާރަކުން ފުއްދަން ޖެހޭ ވަޢުދެއް ކަމަށް ދެކެތީ މިވާހަކަ ދެއްކެނީއެވެ.

Ad
rt

މާނައަކީ ސަރުކާރުތަކުން އެ މަސައްކަތް ނުކުރާ ވާހަކައެއްވެސް ނޫނެވެ. މިހަފްތާގައި އެ ޚަބަރު އިވުނީވެސް މިސަރުކާރުން އެމަސައްކަތް ބާރަށް ކުރާކަން ރަމްޒުކޮށްދޭ ކަމެކެވެ. އެނޫންވެސް ބޮޑެތި "މަސްތުވާ ތަކެތީގެ ހާލިތައް" މިސަރުކާރު އައިފަހުންވެސް ހޯދައިފިއެވެ. މިކަން ސަރުކާރުގެ ބޮލުގައި އަޅުވައި ފަރުޖައްސާ ލެވޭކަށް ނެތެވެ.

މިއީ ހަމައެކަނި ސަރުކާރެއްގެ ޒިންމާއެއް ނޫނެވެ. ޤައުމުގެ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ. މިޖީލު ހަލާކުވެ މިދަނީ މިވަބާއާއި ހުރެއެވެ. މައިމީހާގެ ކަރު ދޮށުގައި އުފަންދަރި ވަޅިޖައްސައި ފައިސާދޭން ބުނާ ހިސާބަށް މި ޤައުމު މިއޮތީ ގޮސްފައިއެވެ. ބައްޕަ ޢުމުރު ދުވަހު ރައްކާކުރި ފައިސާ "ދެލޮލުގެ ނޫރު " ފަދަ ދަރި ފުޅު، ބައްޕައަށް އިތުބާރުދީ، ކޭޝް ކާޑު ހޯދައިގެން ބޭނުންކޮށް ހުސްކޮށްލަނީއެވެ. ފިރިމީހާ އޭނާގެ ވިޔާނުދާ ވިޔަފާރީގައި އަނބިމީހާ ޝާމިލްކޮށް "ޕެކެޓް" ވިއްކަން ބޭނުން ކުރަނީއެވެ.

"ބޭބޭ! ދީބަލަ 10 ރުފިޔާ، ހުޅުމާލެއަށް ނުދެވިގެން!" ޒުވާނާ ދެލޯ ނުހުޅެވޭ ހާލުގައި ކެފޭތަކުގައި ސަލާން ޖަހަނީއެވެ. ޒިންމާދާރު ކަމެއް، އަތުން ފައިން މަސައްކަތް ކުރުމެއް ނެތެވެ. ޒުވާން އެތައް ކުދިންނެއް އެވަބާގައި ޖެހި ހަފުސްވެ ނިމެނީއެވެ.

ބުނާތީ އިވެނީ މިއީ ފަރުދާގެ ފުރަގަހުގައި ތިބެ ޖާހާއި، އާރާއި، ބާރު ހުރި ބަޔެއް ކުރާ ވިޔަފާރިއެއް ކަމަށެވެ. ޒުވާން ޖީލެއް މަސްތުގެ ތެރެއަށް ގަންބުވާލާފައި، އެމީހުންގެ ވިޔަފާރިތައް ފައްކާކޮށް، އެޕާޓްމަންޓްތައް ގަނެ، އަގު ބޮޑެތި ކާރުތައް ގަނެ، އެންމެ ފަހުގެ ފޯނުތައް ޖީބަށްލައި، އެންމެ އަގު ބޮޑު ސެންޓް ޖަހައިގެން ބޭނުން ޤައުމަކަށް އުދުހި މަޖާ ކުރާ ވާހަކައެވެ. ތައިލެންޑްގެ ބެންކޮކާއި، ފިލިޕީންސްގެ އެންޖަލް ސިޓީއާއި، އިންޑޮނެޝިޔާގެ ބާލިންފަދަ މަންޒިލްތަކަށް ދަތުރުކޮށް އުފާ ހޯދާ ވާހަކައެވެ. ހިތުގައި ރަހުމެތް ނެތްތާނގައި އީމާންކަމުގެ ކަންފުޅެއްވެސް ނެތީއެވެ.

ފަޅެއްގައި މަސްތުވާތަކެތި ރައްކާ ކޮށްފައި ހުއްޓައި ފެނުމާއި، އެ ނުބައި ވިޔަފާރި ހިންގާ ނެޓް ވޯކުތަކުގެ ކަނޑު ބޯޓުތައް އަތުލައި، ޖަޒީރާ ގޮނޑުދޮށް ތަކަށް މަސްތުވާތަކެތި ލައްގާހިސާބަށް ކަންގޮސް އެންމެ ފަހުން ކަންނެލި ދޯނި ފަހަރުން މަސްތުވާތަކެތި ފެނި، މިހެންގޮސް މިވާހަކަ ދައްކާ ނުނިމޭ ހިސާބަށް ކަންދިއުމުން ހަޤީޤަތުގައިވެސް ދެ ލޮލުން ކަރުނަ ހިލެއެވެ. ކަން އޮތް ހިސާބު ވަޒަންވެސް ކުރެވެއެވެ.

ސިޔާސީ ބާރުވެރިން މި ނުބައި ވިޔަފާރީގެ ފަހަތުގައި ފޮރުވިގެން ތިބި ވާހަކައަކީވެސް އައު ވާހަކައެއް ނޫނެވެ. ސިޔާސީ ފަރާތްތަކުން މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިތިބި ގޭންތަކާއި މީހުންގެ ފަރާތުން ހިމާތތަށް ހޯދުމަށް އެފަދަ ފަރާތްތަކަށް ފަންޑުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ ހިތާމަ ހުރިކަމެކެވެ. ސިޔާސީ ގޮތުން ރަށްފުށުގައި ދެވިފައިހުރި ވަޒީފާތަށް ސިޔާސީ ބޭނުމަށް މިފަދަ ބޮޑުންނަށް ވެދުން ކުރެވިފައިވުމީ މިނުބައިވަބާ ރަށްފުށުގައި ފެތުރުމަށް އެޅިގެންދާނެ އިތުރު ފުރުޞަތެކެވެ. ފެންނަން އޮތް ޙަޤީޤަތަކީ މިނުބައި ވިޔަފާރި ފުޅާކުރި ބަޔަކު މުޅި ޤައުމަށް "މޫ" ފަތުރާލާފައިވާ ކަމެވެ. އެމީހުން ވަންނަން ބޭނުން ދޮރުތަކުން ވަދެ ތަރުތީބު ކޮށްލައިގެން ތިބިކަމެވެ.

މިހާލަތަށް ކަންކަން ގޮސްފައިވުމީ، މިކަންކަން ހުއްޓުވައި އެފަރާތްތައް އިންސާފުގެ ކުރިމަށްޗަށް ގެނައުމަށްވެސް އެޅިފައިވާ ބޮޑު ހުރަހެކެވެ. ޤައުމުގެ ފުލުހުން މިކަމުގައިި ކުރަށްވާ ޖެހިލުން ކުޑަ، އުނދަގޫ މަސައްކަތަށް ޝުކުރު ޙައްޤެވެ.

މަސްތުވާތަކެތީގެ ވަބާއިން މިޤައުމު މިންޖުވުމަކީ، ޤައުމަށް ހެޔޮ އެދޭ ކޮންމެ މީހަކުމެ އެދޭނޭ ކަމެކެވެ. "މަސްތުވާ ތަކެއްޗަށް ހުޅުވުނު ދޮރުތައް ބަންދުކުރާ" ވަޢުދު ހިތްމަތީގައި އަބަދުމެ އޮންނަނީ އެ ފަދަ މީހުން ތެރޭ އަޅުގަނޑުވެސް ހިމެނޭތީ ކަމަށް ދެކެމެވެ.