ކެނެޑާގެ ފަސްޓްލޭޑީ ސޯފީ ގްރެގޮޔަރ ޓްރޫޑޯއަށް ޖެހިވަޑައިގެންނެވި ކޮވިޑް-19 އާލާސްކަންފުޅުން އެކަމާ ރަނގަޅު ވެއްޖެއެވެ.

ކެނެޑާގެ ފަސްޓްލޭޑީ ކޮވިޑް-19 ބަލިން މުޅިން ފަސޭހަވެވަޑައި ގެންފައިވާކަމަށް ޑޮކްޓަރުން ކަށަވަރު ކޮށްދެއްވާފައިވާ ކަމަށް އެކަމަނާވަނީ ފޭސްބުކް މެދުވެރިކޮށް ދެއްވި މެސެޖެއްގައި ހާމަ ކުރަށްވާފައެވެ. އަދި އެކަމަނާ ވަނީ އިންސްޓަގްރާމްގައި ޕޯސްޓްކުރެއްވި ވީޑިއޯ މެސެޖެއްގައިވެސް އެކަން ހާމަކުރައްވާފައެވެ.

Ad
rt

ސޯފީ ޓްރޫޑޯ ބަލިން ފަސޭހަވެއްޖެކަން މިހާކުރެއްވީ، ބައްޔަށް ޕޮޒިޓިވްވިތާ ދެ ހަފްތާފަހުންނެވެ. އަނބިކަނބަލުން ޕޮޒިޓިވްވުމާ ގުޅިގެން ކެންޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯވެސް ހުންނެވީ ގެކޮޅުގައި ކަރަންޓީނުގައެވެ.

ކެނެޑާގެ ފަސްޓްލޭޑީގެ ކިބައިން ވައިރަސްގެ އަލާމާތްތައް ފެންނަންފެށީ އިނގިރޭސިވިލާތުގައި އޮތް ބައްދަލުވުމަށްފަހު އެނބުރި ވަޑައިގެންނެވި ފަހުންނެވެ.

ކެނެޑާގެ ފަސްޓްލޭޑީ އާލާސްކަންފުޅުން ރަނގަޅުވެވަޑައި ގެންނެވިއިރު، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ބެގޯނާ ގޯމޭޒްވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެކަމަނާގެ ހާލުކޮޅާ ގުޅޭގޮތުން ސްޕެއިން ސަރުކާރުން ފަހުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ސްޕެއިނަކީ ޔޫރަޕްގައި ވައިރަސް އެންމެ ބާރަށް ފެތުރެމުންދާ އެއް ގައުމެވެ.

ސްޕެއިންގެ ބޮޑުވަޒީރުގެ ނައިބް ކާރމަން ކަލްވޯވެސް ވައިރަސްއަށް ޕޮޒިޓިވްވެފައި ވާއިރު، ކޮވިޑް-19 ވައިރަސް ދުނިޔޭގައި ހަލުވިކަމާއެކު ފެތުރި، ސިޔާސީ އެތައް ލީޑަރުންނަށްވެސް ބަލިޖެހިފައި ވެއެވެ.