ރީތި ބީޗް ރިސޯޓްގައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ ބިދޭސީއަކާއި ދިވެއްސެއް ފެނިގެން އެރިސޯޓު މޮނިޓަރިންގ ހާލަތަށް ގެނެސް، ލޮކްޑައުންކޮށް އެ ދެމީހުން ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރީތި ބީޗު ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ އަކާއި ދިވެއްސެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށެވެ.

Ad
rt

އެހެންކަމުން އެ މީހުންގެ ސާމްޕަލް ނަގައި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ.

ބ. ފޮނިމަގޫދޫގައި ހިންގާ އެ ރިސޯޓްގެ ބިދޭސީއެއްގެ ފަރާތުން އަލާމާތްތައް ފެނިގެން މިހިނގާ މާރިޗް މަހުގެ 14 ވަނަ ދުވަހުވެސް އެ ރިސޯޓު ލޮކްޑައުން ކުރި އެވެ. ނަމަވެސް އެމީހާގެ ނަތީޖާ ކޮވިޑް-19 އަށް ނެގެޓިވްވުމުން ރިސޯޓްގެ ލޮކްޑައުން ދޫކޮށްލި އެވެ.

މިހާރު ލޮކްޑައުންގައި އޮތީ ރީތި ބީޗް ރިސޯޓް އެކަންޏެވެ. އެހެން ލޮކްޑައުންކުރި ރިސޯޓްތަކުގެ ނަތީޖާ ނެގެޓިވްވެފައިވާތީ ލޮކްޑައުންއިން އެތަންތަން ވަނީ ނަގާފަ އެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ރާއްޖޭގެ ސަރުކާރުންވެސް ދަނީ ކޮވިޑް-19 އިން ޤައުމު ސަލާމަތްކޮށް، ރައްކާތެރި ކުރުމަށް އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ.

އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، މިހާރު ހަފްތާއެއްވެފައިވާއިރު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.