ކޮވިޑް-19އަށް ރާއްޖޭގައި ދާއިމީ ގޮތެއްގައި ޓެސްޓު ކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ.
އެކަން ހާމަކުރެއްވީ ކޮވިޑް-19އާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ސިލްސިލާކޮށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އޮފް ހެލްތު ޢަބްދު ﷲ އަމީނެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވި އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ދާއިމީ ގޮތެއްގައި ކޯވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ.
މިހާތަނަށް ރާއްޖޭގައި 24 ސާމްޕަލެއް ޓެސްޓުކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އޭގެތެރޭގައި 20 މީހެއްގެ ނަތީޖާ ނެގަޓިވްވެފައިވާއިރު 2 މީހަކުވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި ނަތީޖާ ނުލިބޭ 2 މީހަކު އެބަތިބިކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް-19އަށް ޓެސްޓުކުރެވޭ އިންތިޒާމު ހަމަޖައްސާފައިވަނީ މިދިޔަމަހުގެ 20 ވަނަދުވަހުއެވެ. އައިޖީއެމް ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ވައިރަސްއަށް ޓެސްޓުކުރުމަށް ބޭނުން ކުރަންފެށި އެއްހާސް ޓެސްޓިން ކިޓް ހަދިޔާ ކުރީ ޑަބްލިއުއެޗްއޯއިންނެވެ. އެއާއެކު ރާއްޖޭގައި ޓެސްޓުކުރެވޭ މީހުންގެ ނަތީޖާ 12 ގަޑިއިރާއި 24 ގަޑިއިރުތެރޭގައި ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!