ރާއްޖޭގައި ގެވެށި އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް ހާއްސަ ހިޔާތަކެއް ގާއިމުކޮށްދެއްވައި، އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ފަންޑެއް ގާއިމުކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން މިއަދު ވިލިމާލޭގައި ފެށި ހާއްސަ ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ހާއްސަ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އަންހެނުންނަށް ކުރާ ގެވެށި އަނިޔާއަކީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެކަން ހުއްޓުވުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގެވެށި އަނިޔާގެ މައްސަލަތަކުގައި އެކަހެރި ކުރެވޭ މީހުންނަށް ހާއްސަ ހިޔާތައް ގާއިމުކުރުމުގެ މަސައްކަތް 2022 ނިމުމުގެ ކުރިން ފަށާނެ ކަމަށެވެ.
އަދި 2023 ވަނަ އަހަރުގެ ނިޔަލަށް، ގެވެށި އަނިޔާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހާއްސަ އިމަޖެންސީ ފަންޑެއް އެކުލަވާލައްވާނެ ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
އެކޮންފެރެންސްގައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރެއިން އެންމެ މުހިއްމު ބަދަލަކީ ކައުންސިލަތަކުގައި އަންހެނުންނަށް ގޮނޑިތަކެއް ހާއްސަކުރެވުން ކަމަށާއި، އޭގެ ހެޔޮ ބަދަލު މިހާރު ވެސް ފެންނަން ފަށާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި އެ އިސްލާހުގެ ސަބަބުން އިންތިހާބީ މަގާމުތަކުގައި އަންހެނުންގެ ދައުރު އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ. މިހާރު ވެސް ސިޔާސީ ސަފުތަކުގެ އެންމެ ކުރިން އަންހެނުން ފެންނަން ފަށާފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުގެ ނިންމުންތަކުގައި އަންހެނުންގެ ދައުރު ބޮޑު ތަނުން އިތުރުވެގެން ދާނެ ކަމަށެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން މިއަދު ވިލިމާލޭގައި ފެށި ހާއްސަ ކޮންފަރެންސްގެ އިތުރުން "ރަށްވެހި ފެސްޓިވަލް"ގެ ނަމުގައި ހާއްސަ ފެސްޓިވަލެއްވެސް ވަނީ ފަށާފައެވެ. އެ ފެސްޓިވަލްގައި އެމްޑީޕީ ސަރުކާރުގެ އެޖެންޑާ 19ގެ އެންމެ ފަހުގެ މައުލޫމާތުތައް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!