ސައުދީ އަރަބިއްޔާއަށް އަމާޒުވަމުންދާ ހަމަލާތަކާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުބާރާތް ބޭއްވުމާ މެދު ސުވާލުތަކެއް އުފެދިފައި ވަނިކޮށް، 2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތް ތާވަލާ އެއްގޮތަށް ޖެނުއަރީ މަހު ފެށުމަށް ނިންމައި އެ މުބާރާތުގެ ތާވަލު އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން އިއުލާނުކޮށްފިއެވެ.

ހޯމަ ދުވަހު އޭއެފްސީން އާންމުކުރި ތާވަލުގައިވާ ގޮތުން، މި މުބާރާތް ކުރިއަށްދާނީ 2027 ވަނަ އަހަރުގެ ޖެނުއަރީ 7 އިން ފެށިގެން ފެބްރުއަރީ 5 ގެ ނިޔަލަށެވެ.

Ad
rt

މުބާރާތް ހުޅުވާ މެޗުގައި ރިޔާޒުގައި ވާދަކުރާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ސައުދީ އަރަބިއްޔާއާއި ފަލަސްތީނެވެ. މި މެޗުގެ އިތުރުން ފެބްރުއަރީ 5 ގައި ކުޅޭ ފައިނަލް މެޗު ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ރިޔާޒުގައި ހުންނަ 72،000 މީހުންގެ ޖާގައިގެ ކިންގް ފަހަދު ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައެވެ. ޖުމްލަ 29 ދުވަހުގެ މުއްދަތަށް ދެމިގެންދާ މި މުބާރާތުގައި ކުޅޭ 51 މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ ސައުދީގެ ތިން ސިޓީއެއްގެ އަށް ސްޓޭޑިއަމެއްގައެވެ. އެއީ ރިޔާޒުގެ ފަސް ސްޓޭޑިއަމަކާއި، ޖިއްދާގެ ދެ ސްޓޭޑިއަމް އަދި އަލް-ޚުބަރުގެ ސްޓޭޑިއަމެކެވެ. މިއީ ސައުދީން އޭޝިއަން ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ އެ ގައުމުން 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމުގެ ހަތް އަހަރު ކުރިއެވެ.

މުބާރާތް ބާއްވާނެ ތާރީޚުތައް އިންތިޒާމުވެރިން ކަށަވަރުކޮށްދިން ނަމަވެސް، މުބާރާތުގައި ވާދަކުރާ 24 ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންތަކުގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ ސަރަހައްދީ ސަލާމަތީ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން މުބާރާތް ކުރިއަށްދާނެ ގޮތަކާ މެދު އަދިވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ސަރަހައްދުގައި ފަހަކަށް އައިސް ހިނގަމުންދާ ކަންކަމާ ގުޅިގެން 2027 ވަނަ އަހަރުގެ ޑަކާ ރެލީ (Dakar Rally) ސައުދީން ބޭރަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އޭގެ އިންތިޒާމުވެރިން ވެސް ވަނީ ހޯމަ ދުވަހު ބުނެފައެވެ.

ޖަޕާން ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ސުނެޔާސު މިޔަމޯޓޯ ވިދާޅުވީ، ސައުދީގެ ސަލާމަތީ ހާލަތު އޮތް ގޮތުން ތާވަލާ އެއްގޮތަށް މުބާރާތް ބޭއްވުމަކީ ދަތި ކަމަކަށް ވާނެ ކަމަށެވެ. "ޚަބަރުތަކުން އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެ ގައުމުގެ ހާލަތު އަދިވެސް ރައްކާތެރިއެއް ނޫން. އެހެންކަމުން މި ދަނޑިވަޅުގައި އެތަނުގައި [އޭޝިއަން] ކަޕް ބޭއްވުން ފަސޭހަވާނެ ކަމަކަށް އަޅުގަނޑު ނުދެކެން،" އޭނާ ވިދާޅުވިއެވެ. ނަމަވެސް ސައުދީގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުމުގައި، ކުޅުންތެރިންނާއި ސަޕޯޓަރުން އަދި މުބާރާތަށް ޒިޔާރަތްކުރާ އެންމެންގެ ރައްކާތެރިކަމަށް އެންމެ ބޮޑު އިސްކަމެއް ދޭނެ ކަމުގެ ޔަގީންކަން އެ ފަރާތުން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި މަހު ކުރީކޮޅު އޭއެފްސީގެ ރައީސް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ ވިދާޅުވީ، ބޭނުންވެއްޖެ ހާލަތެއްގައި މުބާރާތް 2028 އަށް ފަސްކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެން ނަމަވެސް ސައުދީގެ ލޯކަލް އޮގަނައިޒިން ކޮމިޓީން ވަނީ އަސްލު ތާވަލާ އެއްގޮތަށް ކުރިއަށް ދިއުމަށް ނިންމާފައެވެ.

ޔަމަނުގެ ހޫތީން ދެމުންދާ ހަމަލާތައް އިތުރުވަމުންދާތީ ސައުދީގައި ބާއްވަން ހަމަޖެހިފައި އޮތް ބޮޑެތި އެހެން ބައެއް ކުޅިވަރު ހަރަކާތްތައް ވެސް މީގެ ކުރިން ވަނީ ކެންސަލްކޮށް ނުވަތަ ފަސްކޮށްފައެވެ. މިގޮތުން ޔަމަނުން ސައުދީގެ އެކި ސިޓީތަކަށް އަމާޒުކޮށް އާދީއްތަ ދުވަހު ފޮނުވާލި ގިނަ އަދަދެއްގެ ހަމަލާތައް ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ވަނީ ދިފާއުކޮށްފައެވެ. ސައުދީގެ ސިވިލް ޑިފެންސުން ބުނި ގޮތުގައި ހޫތީން ފޮނުވާލި ކަމަށް ބެލެވޭ ބެލިސްޓިކް ދެ މިސައިލެއް ވައްޓާލުމުން، އޭގެ ބައިތައް ވަނީ މައްކާ ޕްރޮވިންސްގެ ޖިއްދާ، ތާއިފް، ރާބިޣް އަދި ވާދީ އަލް-މުޣައްމަސް އަށް ވެއްޓިފައެވެ. މީގެ އިތުރުން ހޫތީން ދިން ހަމަލާތަކާ ގުޅިގެން ރިޔާޒުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ދަތުރުތައް މެދުކަނޑާލުމަށް ފަހު، ބައިނަލްއަގުވާމީ ދަތުރުތައް ޓާމިނަލް 2 އިން އަދި އެތެރޭގެ ދަތުރުތައް ޓާމިނަލް 1 އިން އާދީއްތަ ދުވަހު ވަނީ އަލުން ފަށާފައެވެ. މި ފިޔަވަޅު އަޅާފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާއެއްގައި 13 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަޚަމްވި ހާދިސާއަށް ފަހުގައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެހެން މެޗުތަކަށް ބަލާއިރު، އެންމެ ފަހުގެ ޗެމްޕިއަން ގަތަރުން ތަށި ދިފާއުކުރުމުގެ ދަތުރު ފަށާނީ ޖެނުއަރީ 11 ގައި ތައިލެންޑާ ދެކޮޅަށް ކުޅޭ މެޗުންނެވެ. އަދި ހަމަ އެ ދުވަހު ޖަޕާނުން ނުކުންނާނީ އިންޑޮނޭޝިއާއާ ދެކޮޅަށެވެ. މީގެ އިތުރުން ފުރަތަމަ މެޗުތަކުގައި ދެކުނު ކޮރެއާއިން ޔަމަނާ، އޮސްޓްރޭލިއާއިން ސިންގަޕޫރާ، އަދި އީރާނުން ޗައިނާއާ ވާދަކުރާނެއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ޖެނުއަރީ 20 ގައި ނިމޭއިރު، ނޮކްއައުޓް ބުރުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 22 ގައެވެ.