ސޯޝަލް މީޑިއާގައި އިޒްރޭލުގެ ދިފާއުގައި އަޑުއުފުލައި މަސައްކަތް ކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ބޮޓްތައް ބޭނުންކޮށްގެން ވަރުގަދަ ޕްރޮޕެގެންޑާ ކެމްޕޭނެއް ފަށަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާނުކޮށްފިއެވެ.

ސަރަހައްދީ ހަނގުރާމަތަކުގެ ތެރެއިން އޮންލައިން މައުލޫމާތުގެ މައިދާނަކީ އިޒްރޭލުގެ "8 ވަނަ ފްރަންޓް" ނުވަތަ 8 ވަނަ ހަނގުރާމައިގެ މައިދާން ކަމުގައި އޭނާ ވަނީ ސިފަކޮށްފައެވެ.

Ad
rt

އިޒްރޭލާ ދެކޮޅަށް އޮންލައިންކޮށް ހިންގާ ހަރަކާތްތަކުގެ އިސް ސަފުގައި ގަތަރާއި ރަޝިއާ ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރައްވަމުން ނަތަންޔާހޫ ބުނީ، އެ ގައުމުތަކުން އޮޓޮމޭޓެޑް ބޮޓް ނެޓްވޯކްތައް މެދުވެރިކޮށް އެމެރިކާ އާއި ޔޫރަޕްގެ ޒުވާނުންގެ ވިސްނުން އިޒްރޭލާ ދެކޮޅަށް އަނބުރާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ކެމްޕޭނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަތަންޔާހޫ ބުނީ، މައުލޫމާތުގެ ހަނގުރާމައިގައި އިޒްރޭލުން ކުރިމަތިލާންޖެހޭ ކަމަށެވެ.

"އެއީ 8 ވަނަ ފްރަންޓް. އެއީ އަޅުގަނޑުމެންނާ ދެކޮޅަށް ހިންގާ ދޮގު މައުލޫމާތާއި ޕްރޮޕެގެންޑާގެ މައިދާން،" އޭނާ ބުންޏެވެ.

ހިފާފައިވާ ބިންތަކުގައި ވަޒަންވެރިވެފައިވާ މީހުން ހިންގާ އަނިޔާވެރިކަމުގެ ވާހަކަތައް ހިމެނޭހެން، ފަތުރާ ހުރިހާ ވާހަކައެއް ވެސް ބިނާކޮށްފައިވަނީ ބޮޓްތަކުގެ މައްޗަށް ކަމަށާއި، އެހެންކަމުން އެކަމާ ދެކޮޅަށް އޭއައި މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އަސްކަރީ، ޖާސޫސީ އަދި ޑިޕްލޮމެޓިކް މައިދާނެކޭ އެއްފަދައިން، ސޯޝަލް މީޑިއާގެ ވާހަކަތަކާއި، އާންމުންގެ ވިސްނުން އަދި ޕްލެޓްފޯމްތަކުގެ އެލްގޮރިޒަމްތަކަކީ ގައުމީ ސަލާމަތުގެ މުހިންމު ދާއިރާއެއްގެ ގޮތުގައި އިޒްރޭލުގެ އިދާރާތަކުން މިހާރު ދެކެއެވެ. މިގޮތުން، ޓިކްޓޮކާއި އެކްސް ފަދަ ޕްލެޓްފޯމްތަކުގައި އިޒްރޭލަށް އަމާޒުވާ ފާޑުކިޔުންތަކާ ދެކޮޅަށް، ސަރުކާރުގެ ރަސްމީ ޕަބްލިކް ޑިޕްލޮމަސީ (ހަސްބަރާ) އާއި ޑިޖިޓަލް ހަރަކާތްތައް ވަނީ ފުޅާކޮށްފައެވެ. މީގެ ތެރޭގައި އޭއައި ވަސީލަތްތަކާއި، ވަކި އަމާޒުތަކަށް އުފައްދާ ކޮންޓެންޓާއި، އިންފްލުއެންސަރުންގެ ނެޓްވޯކްތައް ބޭނުންކުރުން ހިމެނެއެވެ.

މީގެ އިތުރުން، އެމެރިކާގެ "ވޯކް ރައިޓް" އަދި އެހެން ބައެއް ގައުމުތަކުގެ މީހުން ޝައުގުވެރިވާ ފަދަ ޒަމާންވީ އެންޓި-ސެމިޓިކް ވިސްނުންތައް ފެތުރުމުގައި ގަތަރާއި ރަޝިއާގެ އޮޕަރޭޝަންތައް ޝާމިލުވާ ކަން އެނގޭ ކަމަށް ނަތަންޔާހޫ ތުހުމަތުކުރިއެވެ.

"އަހަރެމެން މިކަމާ ހަނގުރާމަކުރަން ޖެހޭނީ ހިތްވަރާއި، ސިކުނޑިއާއި، އަދި އެންމެ ކުރިއަރާފައިވާ މޮޅު ޓެކްނޮލޮޖީ ބޭނުންކޮށްގެން،" އޭނާ ބުންޏެވެ.

އޮންލައިން ނުފޫޒު ފޯރުވުމުގެ ހަނގުރާމައަށް އިޒްރޭލުން ބޭރުގެ ފަރާތްތަކަށް ތުހުމަތުކޮށް ތައްޔާރުވަމުންދާއިރު، ބޮޓްތައް ބޭނުންކުރުމުގެ މައްސަލައަކީ އެ ގައުމުގެ އެތެރޭގެ ސިޔާސީ މަސްރަހުގައި ވެސް ބޮޑު ބަހުސެއް އުފެދިފައިވާ ކަމެކެވެ. އެގޮތުން ނަތަންޔާހޫގެ ލިކޫޑް ޕާޓީ ހިމެނޭހެން، ސިޔާސީ ވާދަވެރިންނަށް އަމާޒުކޮށް ގައުމުގެ އެތެރޭގެ މަސްރަހު ވަކި ގޮތަކަށް ބައްޓަންކުރުމަށް އެ ގައުމުގެ އެތެރޭގެ ފަރާތްތަކުން ވެސް ފޭކް އެކައުންޓްތަކާއި އޮޓޮމޭޓެޑް ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުތައް އިޒްރޭލުގެ ތަހުގީގީ ރިޕޯޓްތަކުން މީގެ ކުރިން ވަނީ ފެންމަތިވެފައެވެ.