އިއްތިހާދު އެއާވޭސްގެ ލޯޔަލްޓީ ޕްރޮގްރާމް، 'އިއްތިހާދު ގެސްޓް' މެންބަރުންނަށް އެ ފަރާތްތަކުގެ މައިލްސް ރިޑީމްކޮށްގެން މޯލްޑިވިއަންގެ ނެޓްވޯކްގެ މަންޒިލްތަކަށް ދަތުރުކުރެވޭނެ އައު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި އިއްތިހާދު އެއާވޭސްއާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުބާއީގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގެ ތެރެއިންނެވެ.

Ad
rt

މިއީ ދެ އެއާލައިންގެ ދެމެދުގައި މިހާރުވެސް އޮތް އިންޓަލައިން ޕާޓްނާޝިޕް އިތުރަށް ހަރުދަނާކޮށް، ގުޅުން ބަދަހިކުރުމުގެ ގޮތުން ވެވުނު އެއްބަސްވުމެކެވެ.

މޯލްޑިވިއަނުން ބުނިގޮތުގައި މި އައު އެއްބަސްވުމުގެ ދަށުން، އިއްތިހާދު ގެސްޓް މެންބަރުންނަށް މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މޯލްޑިވިއަންގެ މަންޒިލްތަކަށް ދަތުރުފަތުރު ކުރުމުގެ ފުރުސަތު ފަސޭހަކަމާއެކު ފަހިވެގެންދާނެއެވެ.

މީގެ އިތުރުން ދެ އެއާލައިންގެ ދެމެދުގައިވާ ކަނެކްޓިވިޓީއާއި އެއްބާރުލުން މި އެއްބަސްވުމުގެ ސަބަބުން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް އެއެއާލައިނުން ވަނީ ފާހަގަކޮށްފައެވެ.