މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ވީހާވެސް ގާތުން ލުއިފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އާ ކަސްޓަމާ ކެއާ ހޮޓްލައިން ނަންބަރު "1575" ތައާރަފުކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އެ ކުންފުނީގެ މެނޭޖްމަންޓުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން، ކަސްޓަމާ ކެއާގެ ހިދުމަތްތަކަށް ހާއްސަކޮށްގެން "1575" ވަނީ ކަނޑައަޅާފައެވެ.

Ad
rt

މި ގެނައި ބަދަލާއެކު، މީގެ ކުރިން ބޭނުންކުރަމުން އައި "105" ދެން ބޭނުންކުރާނީ ހަމައެކަނި އެމަޖެންސީ ހޮޓްލައިންގެ ގޮތުގައެވެ. މި އެމަޖެންސީ ނަންބަރުގެ ހިދުމަތް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ކަސްޓަމަރުންނަށް ލިބެމުންދާނެއެވެ. ނަމަވެސް، އަލަށް ތައާރަފުކުރި ކަސްޓަމާ ކެއާ ނަންބަރު 1575 މެދުވެރިކޮށް ހިދުމަތް ލިބޭނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށެވެ.

މީގެ އިތުރުން، ކަސްޓަމަރުންނަށް ފަސޭހައިން މި ނަންބަރު ދެނެގަނެވޭނެ އިންތިޒާމު ވެސް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ. އެގޮތުން، އެމްޑަބްލިޔުއެސްސީން ކަސްޓަމަރުންނަށް ގުޅާ ކޯލުތަކުގައި ފޯނުގެ ސްކްރީނުން ފެންނަން އިންނާނީ ވެސް "1575" އެވެ.

އެ ކުންފުނިން ބުނީ، އެންމެ ބޮޑު އަމާޒަކީ ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތައް ފުޅާކޮށް، ލުއިފަސޭހަކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. އެމްޑަބްލިޔުއެސްސީގެ ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތާއި އެހީތެރިކަން ވެސް ދެން ލިބޭނީ މި އާ ނަންބަރު މެދުވެރިކޮށެވެ.

މި އާ ބަދަލުތަކަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.