ވަޒީފާއިން މީހުން ވަކިކުރުމަކީ އެމްޑީޕީ އަށް ވެރިކަން ލިބުމުން ޖަހަންފެށި ސަކަރާތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ.

ލަތީފް މިހެން ވިދާޅުވީ ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހެއްޅުވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

Ad
rt

ލަތީފް ވިދާޅުވީ 2008 ވަނަ އަހަރު އާ ގާނޫނު އަސާސީއާއެކު އެމްޑީޕީ ވެރިކަމަށް އައުމަށްފަހު، ރަށްރަށުގެ އޮފީސްތަކުގައި ތިބި ކަތީބުންނާއި އަތޮޅު އޮފީސްތަކުގެ ސެކްރެޓަރީންނަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން ގާނޫނާ ހިލާފަށް ޕްރޮވިންސްތައް އުފައްދައި، މުވައްޒަފުން އެކި ތަންތަނަށް ބަދަލުކޮށް އަދި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު މި ސަކަރާތެއް ޖެހޭ. ނިމިގެންދިޔަ ސަރުކާރުން 2018 އިން 2023 އަށް ކިތައް މީހުންތޯ ވަކިކުރީ؟ އަޅުގަނޑުމެން އޭރު ޕީޕީއެމް ޕީއެންސީގެ ދަފްތަރުގައި އެ ބޭފުޅުން ވަކިކުރި މީހުންގެ ލިސްޓު ޝާއިޢުކޮށްފައި އޮންނާނެ،" ލަތީފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އޭނާގެ އަތުގައި ދިއްދޫ ދާއިރާއިން އެމްޑީޕީ ސަރުކާރުގައި ވަކިކުރި މީހުންގެ ލިސްޓު ހެކިތަކާއެކު އެބައޮތް ކަމަށެވެ.

ލަތީފްގެ ވާހަކަފުޅުގައި މިހާރުގެ ސަރުކާރުން އެފަދަ ކަންކަން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރާނީ ދިވެހި ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދައިދިނުމަށް ކަމަށާއި، ކުންފުނިތަކުން މުވައްޒަފުން ވަކިނުކުރާނެ ކަމުގެ ކަށަވަރުކަން އެބައޮތް ކަމަށެވެ.

ލަތީފް ވިދާޅުވީ ވަޒީފާއިން ވަކިކުރުމުގެ ވާހަކައަކީ އެމްޑީޕީއަށް ދެއްކޭނެ ވާހަކައެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުން މުވައްޒަފުންނަށް އިހާނެތިކޮށް ކަންތައް ނުކުރާނެ ކަމަށާއި، ރައީސް މުޢިއްޒު އެފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.