ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ދެމުންދާ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ފަސޭހަކަމާއެކު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، އެ ވުޒާރާގެ ރަސްމީ ކޯލް ސެންޓަރު އިފްތިތާޙުކޮށްފިއެވެ.
މި ކޯލް ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
މި ޚިދުމަތް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ މިނިސްޓްރީގެ ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް މިހާރަށްވުރެ ލުއިފަސޭހަ މަގަކުން މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މި ކޯލް ސެންޓަރުގެ އެހީގައި، ޚިދުމަތް ހޯދާ ފަރާތްތަކަށް ބޭނުންވާ ވަކިވަކި ޑިޕާޓްމަންޓްތަކާ ސީދާ ގުޅައި، ކަންކަން އޮޅުންފިލުވުމަށް މަގުފަހިވެގެންދާނެއެވެ.
އެ ވުޒާރާއިން ބުނިގޮތުގައި އެ ވުޒާރާގެ ކޯލް ސެންޓަރަށް ގުޅުމަށް ހަމަޖެހިފައިވާ ނަންބަރަކީ 3347300 އެވެ. މި ނަންބަރަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް ގުޅޭނެއެވެ.
މީގެ އިތުރުން، ރަސްމީ ބަންދު ގަޑިތަކުގައިވެސް ޚިދުމަތް ހޯދުމަށް މި ނަންބަރު ބޭނުންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ޒުވާނުންނާއި ކުޅިވަރާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި ކޯލް ސެންޓަރުގައި ގާއިމުކޮށްފައިވަނީ އެންމެ ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެކެވެ. މި ސިސްޓަމުގެ ތެރެއިން ކުރެވޭ ކޮންމެ ކޯލެއްގެ ރެކޯޑް ބެލެހެއްޓި، ލޮގްކުރެވިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!