އެޓްލާންޓާގެ މާސިޑީޒް-ބެންޒް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗަށްފަހު، އެމެރިކާގެ ރެފްރީ އިސްމާޢީލް އަލްފަތު ދަނޑުމަތީގައި ކުރި ޝުކުރުގެ ސަޖިދައިގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެ، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
އިނގިރޭސިވިލާތާއި އާޖެންޓީނާ ބައްދަލުކުރި މި މެޗުގެ ފަހު ފުމެލުމާއެކު، މޮރޮކޯއަށް އުފަން އަލްފަތު ވަނީ ކަކޫ މައްޗަށް ތިރިވެ، މާތްﷲއަށް ޝުކުރު އަދާކުރުމުގެ ގޮތުން ސަޖިދައެއް ކޮށްފައެވެ. މި މަންޒަރާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމް ސަޕޯޓަރުންނާއި ފުޓްބޯޅަ އާއިލާގެ ގިނަ ބަޔަކު ވަނީ އޭނާގެ މި އަމަލަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
2016 ވަނަ އަހަރުން ފެށިގެން ފީފާގެ ލިސްޓެޑް ރެފްރީއެއްގެ ގޮތުގައި މަސައްކަތްކުރާ އަލްފަތަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ހަތަރުވަނަ ރެފްރީގެ މަގާމުވެސް އަދާކޮށްފައިވާ ތަޖުރިބާކާރު ރެފްރީއެކެވެ.
އިންގްލެންޑާއި އާޖެންޓީނާ ފަދަ ވާދަވެރި ދެ ޓީމެއްގެ މެޗެއް، އެއްވެސް މައްސަލައެއް ނުޖެހި ކާމިޔާބުކަމާއެކު ނިންމާލެވުމުން އޭނާ ކުރި މި ސަޖިދައަކީ އަމިއްލަ އިޢުތިޤާދާއި، މަސައްކަތުގެ މައްޗަށް އޮތް އިޚްލާޞްތެރިކަން ހާމަކޮށްދިން ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
Video footage has gone viral of referee Ismail ElFath bowing in prostration after officiating the semifinal match between England and Argentina.
Fans widely praised the Islamic gesture of humility and gratitude. pic.twitter.com/UlFUOdF8hQ
— AJE Sport (@AJE_Sport) July 16, 2026
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބައެއް ފަރާތްތަކަށް ފުރަތަމަ މިކަމުގައި އޮޅުންއެރި ނަމަވެސް، މިއީ މުސްލިމް ކުޅުންތެރިންނާއި އޮފިޝަލުން އާންމުކޮށް ޝުކުރުވެރިވުމުގެ ގޮތުން ކުރާ 'ސަޖިދަ އަޝް-ޝުކުރު' ކަން އެނގުމުން، އެފަދަ މީހުން ވަނީ އަލްފަތު ހިތްތިރިކަމާއި ދީނީ އަގުތަކަށް އިހުތިރާމް އަދާކޮށްފައިވެއެވެ.
މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ކިޔަވައިގެން ހުރި އަލްފަތަކީ މީގެ ކުރިންވެސް ދަނޑުމަތީގައި ދައްކާފައިވާ އިންސާނީވަންތަ އަމަލުތަކުގެ ސަބަބުން މަގުބޫލުކަން ހޯދާފައިވާ ރެފްރީއެކެވެ.
މި ހާދިސާއަކީ ފުޓްބޯޅައިގެ ބޮޑެތި މެޗުތަކުގެ ޕްރެޝަރުގެ ތެރޭގައިވެސް، އޮފިޝަލުންނަކީވެސް އަމިއްލަ އަގުތަކާއި އީމާންތެރިކަން ގެންގުޅޭ ބައެއްކަން ހަނދާންކޮށްދިން ހިތްގައިމު މަންޒަރެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!