ވޯލްޑް ކަޕްގެ ގަދަ 16 ގައި ޕެރަގުއޭ އަތުން ފްރާންސް މޮޅުވި މެޗަށްފަހު، ޕެރަގުއޭގެ ސެނެޓަރަކު ކުރެއްވި ނަސްލީ ތަފާތުކުރުމުގެ ކޮމެންޓްތަކެއް ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ހޯމަ ދުވަހު ވަރުގަދައަށް ކުށްވެރިކޮށްފިއެވެ.

ޕެރަގުއޭގެ ލިބަރަލް ރެޑިކަލް ޕާޓީގެ ސެނެޓަރެއް ކަމަށްވާ ސެލެސްޓޭ އަމަރިއްލާ އަކީ "ދަށުދަރަޖައިގެ އަންހެނެއް" ކަމަށާއި، އޭނާއަކީ ޕެރަގުއޭގެ ކޮންގްރެސްގައި މަސައްކަތް ކުރުމަށް "ކުފޫހަމަނުވާ" މީހެއް ކަމަށް އެމްބާޕޭ ބުންޏެވެ. އެމްބާޕޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސެނެޓަރުގެ ބޭއަދަބީ އަދި ނަސްލީ ތަފާތުކުރުމުގެ ސަބަބުން، ޕެރަގުއޭގެ ކުޅުންތެރިން މި ވޯލްޑް ކަޕްގައި ކުރި ތާރީޚީ މަސައްކަތް މުޅި ދުނިޔެ މިހާރު ހަނދާން ނެތިފައިވާ ކަމަށެވެ.

Ad
rt

ހޮނިހިރު ދުވަހުގެ މެޗުގައި އެމްބާޕޭ ކާމިޔާބުކުރި ޕެނަލްޓީއާއެކު ފްރާންސް މޮޅުވުމުން، އަމަރިއްލާ ވަނީ އެމްބާޕޭގެ ނަސްލަށާއި، އޭނާ ބޮޑުވި ގޮތަށާއި، ތައުލީމީ ފެންވަރަށް އަދި ސިފައަށް ފުރައްސާރަކޮށް ގިނަ ޕޯސްޓްތަކެއް ކޮށްފައެވެ. މި މެޗުން މޮޅުވެ ފްރާންސް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ކުއާޓާގައި ފްރާންސް ބައްދަލުކުރާނީ މޮރޮކޯއާއެވެ.

ޕެރަގުއޭ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަމަރިއްލާގެ ވާހަކަތަކަކީ ގައުމުން ގަބޫލުކުރާ އިންސާނީ ކަރާމާތާއި އިހުތިރާމް ކުރުމުގެ އުސޫލުތަކާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ސަރުކާރާއި ރައްޔިތުން ތަމްސީލުކުރާ ވާހަކަތަކެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ. ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން (އެފްއެފްއެފް) ވަނީ މި މައްސަލަ ޕްރޮސެކިއުޓަރުންނަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ފްރާންސްގެ ސްޕޯޓްސް މިނިސްޓަރު މެރީނާ ފެރާރީ ވިދާޅުވީ މި އަމަލުގެ ސަބަބުން އޭނާ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. "އެމްބާޕޭއަށް އަމާޒުކޮށް ހަމަލާދިނުމުން، އެ ސެނެޓަރު އެ ހަމަލާދެނީ އަހަރެމެންގެ ކެޕްޓަން ރަމްޒުކޮށްދޭ ހުރިހާ ކަމަކަށާއި، އަހަރެމެންގެ ގައުމުގެ އަސާސްތައް ކަމަށްވާ މިނިވަންކަމާއި، ހަމަހަމަކަމާއި، އުޚުއްވަތްތެރިކަމަށް،" ފެރާރީ ވިދާޅުވިއެވެ.

މި މެޗުގެ ކުރިން ޕެރަގުއޭގެ ކުރީގެ ކީޕަރު ހޯސޭ ލުއިސް ޗިލާވަރޓް ވެސް ވަނީ ފްރާންސް ޓީމަކީ "އެފްރިކާގެ ޓީމެއް" ކަމަށް ބުނެ ފުރައްސާރަކޮށްފައެވެ. އެފްއެފްއެފްގެ ރައީސް ފިލިޕް ޑިއާލޯ ވިދާޅުވީ ޗިލާވަރޓަކީ އެއްއިރެއްގައި މޮޅު ކީޕަރެއް ނަމަވެސް، މިހާރު އޭނާ ވަނީ އަގުވެއްޓިފައި ކަމަށެވެ.