ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް ބުރުގައި އައިވަރީ ކޯސްޓާ ވާދަކޮށް 2-1 އިން މޮޅުވެ، ނޯވޭއިން އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކައުޓް މެޗަކުން މޮޅުވެއްޖެއެވެ. މި މެޗުން މޮޅުވުމާއެކު ނޯވޭ މިހާރު ވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ.

އަންގާރަ ދުވަހު ކުޅުނު މި މެޗުގެ ނަތީޖާ ނޯވޭ ކޮޅަށް އަނބުރާލީ މެޗުގެ 86 ވަނަ މިނެޓުގައި އެރްލިން ހާލަންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ޕެޓްރިކް ބާގްއެވެ. އައިވަރީ ކޯސްޓުގެ ތިން ޑިފެންޑަރުން ބާގް ހުއްޓުވަން މަސައްކަތް ކުރަނިކޮށް އޭނާ ވަނީ ހުސްކޮށް ހުރި ހާލަންޑަށް ބޯޅަ ފޯރުކޮށްދީފައެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގައި ނޯވޭއަށް ލީޑު ނަގައިދިނީ އެންޓޯނިއޯ ނޫސާއެވެ. ނަމަވެސް މެޗުގެ 74 ވަނަ މިނެޓުގައި އައިވަރީ ކޯސްޓުގެ އަމަދު ޑިއާލޯ ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ނަތީޖާ އެއްވަރުކުރަން އައިވަރީ ކޯސްޓަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ޑިއާލޯ ފޮނުވާލި ހިލޭ ޖެހުން ނޯވޭގެ ކީޕަރު އޮރްޔަން ނައިލޭންޑް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ހާލަންޑް ގައުމު ގަދަ 16 އަށް ގެންދެވުމުގެ ސެލެބްރޭޝަންގައި، ފޮޓޯ: ގެޓީ އިމޭޖްސް

މިއީ 1998 ވަނަ އަހަރަށްފަހު ނޯވޭއިން ވޯލްޑް ކަޕެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި މި މޮޅާއެކު އެ ގައުމުން ވަނީ ވޯލްޑް ކަޕް ތާރީޚުގައި އާ ސަފުހާއެއް ލިޔެފައެވެ. ހާލަންޑް މިހާރު ވަނީ ނޯވޭގެ ގައުމީ ޓީމަށް ކުޅުނު 53 މެޗުން 60 ލަނޑު ޖަހައި، އެ ގައުމުގެ ރެކޯޑް މުގުރާލާފައެވެ. އަދި އޭނާ ވަނީ ބައިނަލްއަގުވާމީ ވާދަވެރި ފަހު 13 މެޗުގައިވެސް ލަނޑު ޖަހާފައެވެ.

ގަދަ 16 ގައި ނޯވޭ ބައްދަލުކުރަން ޖެހޭނީ ފަސް ފަހަރަށް ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލްއާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައެވެ. މިއީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނޯވޭއިން ބްރެޒިލް ބަލިކުރިތާ 28 އަހަރު ފަހުން މި ދެ ޓީމު ވޯލްޑް ކަޕެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.