ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދިއުމަށް ކުރަމުންދާ މަސައްކަތުގައި، ޕެނަމާ 1-0 އިން ބަލިކޮށް ކްރޮއޭޝިއާ އުންމީދު އާކޮށްފިއެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗުން ބަލިވުމާއެކު ޕެނަމާ ވަނީ މުބާރާތުން ކަޓާފައެވެ.

މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ 54 ވަނަ މިނެޓުގައެވެ. ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ދެވަނަ ހާފުގައި އިތުރު ފޯވާޑަކު ކުޅެން އެރުވިތާ އެންމެ ހަތަރު މިނެޓު ތެރޭގައި، ޖޯސިޕް ސްޓަނިސިޗް ނެގި ހިތްގައިމު ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އަންޓޭ ބުޑިމިރް އެވެ.

Ad
rt

މި މެޗަކީ ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ގައުމީ ޓީމަށް ކުޅެދިން 200 ވަނަ މެޗެވެ. އުމުރުން 40 އަހަރުގެ މޮޑްރިޗްގެ މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް މެޗަށްފަހު ކުޅުންތެރިން ވަނީ އޭނާގެ ފޮޓޯ ޖެހި ޚާއްޞަ ޓީޝާޓެއްގައި ދަނޑު ވަށައި ބުރެއް ޖަހާފައެވެ. ކްރޮއޭޝިއާގެ ޑިފެންޑަރު މާރިން ޕޮންގްރަސިޗް ބުނީ މޮޑްރިޗަކީ އެ ގައުމުގެ ފުޓްބޯޅައިގެ އެންމެ ބޮޑު ލެޖެންޑް ކަމަށެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކޯޗު ޑަލިޗް ބުނީ މިއީ ހީކުރި ވަރަށް ވުރެ އުނދަގޫ މެޗެއް ކަމަށާއި، ޕެނަމާގެ ކުޅުންތެރިންގެ ފެންވަރު ފެނިފައި ހައިރާންވި ކަމަށެވެ. "މި ތިން ޕޮއިންޓް އަހަރެމެންނަށް ވަރަށް މުހިންމުވުމުން އައި ޕްރެޝަރުގެ ސަބަބުން އެންމެ ރަނގަޅަށް ރިއެކްޓް ނުކުރެވުނީ ކަމަށް ވެދާނެ،" ޑަލިޗް ބުންޏެވެ.

ޕެނަމާއަށް މެޗުގެ ނަތީޖާ ހަމަހަމަކުރަން 67 ވަނަ މިނެޓުގައި ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ކްރޮއޭޝިއާގެ ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ ފުލުފުލުގައި ތިން މޮޅު ސޭވްކޮށް ގޯލެއް ވަނަނުދީ ހިފަހައްޓާފައެވެ. ޕެނަމާގެ ކްރިސްޓިއަން މާޓިނޭޒް ބުނީ މިއީ އެއް ފުރުސަތަކުން ވެސް ލަނޑު ޖަހާލެވޭ ފަދަ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމުގެ އުނދަގޫ ކަމަށެވެ.

ގްރޫޕް އެލްގެ ނަތީޖާ ކަށަވަރުވާނީ އަންނަ ހޮނިހިރު ދުވަހު ކުޅޭ ފަހު މެޗުތަކަށް ފަހުއެވެ. މިވަގުތު އިންގްލެންޑާއި ގާނާ ހަތަރު ޕޮއިންޓާއެކު އެއްވަރުވެފައި އޮތްއިރު، ކްރޮއޭޝިއާ އޮތީ ތިން ޕޮއިންޓާއެކުގައެވެ. ފަހު މެޗުގައި ކްރޮއޭޝިއާ ނުކުންނާނީ ގާނާއާ ދެކޮޅަށެވެ.