ވޯލްޑް ކަޕްގައި ވާދަކުރާ އީރާނުގެ ގައުމީ ޓީމުން، މެޗުތަކަށް ދަތުރުކުރުމުގައި އެ ޓީމާ މެދު ބޭއިންސާފުން އަމަލުކުރަމުންދާ ކަމަށް އެ ޓީމުން ބުނެފިއެވެ.

އީރާނުން ބުނެފައިވާ ގޮތުގައި މެޗު އޮންނަ ދުވަހުގެ ކުރީ ދުވަހު ދަތުރުކުރަން ޖެހުމާއި، މެޗު ނިމުމާއެކު އެނބުރި އަންނަން ޖެހުމަކީ އެ ޓީމަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ.

Ad
rt

އީރާންގެ މި ޝަކުވާއާއި ގުޅިގެން ވައިޓް ހައުސްގެ ފީފާ ޓާސްކް ފޯސްގެ އިސްވެރިޔާ އެންޑްރޫ ގިއުލިއާނީ ވިދާޅުވި ގޮތުގައި، އީރާނަށް މިހާރު ކަނޑައަޅާފައިވާ ގަވާއިދުތަކަކީ ހަނގުރާމައާ ގުޅިގެން ކުރިން ކަނޑައަޅާފައިވާ އުސޫލުތަކެކެވެ. ނަމަވެސް މި އުސޫލުތަކަކީ ފީފާގެ ޓީމުތައް ދަތުރުފަތުރު ކުރުމުގެ އާންމު ގައިޑްލައިންތަކާ ވެސް އެއްގޮތް އުސޫލުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.. ފީފާގެ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ގަވާއިދުގެ 18.3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންމެ ޓީމެއް ވެސް މެޗު އޮންނަ ސިޓީއަށް ދާންޖެހޭނީ މެޗުގެ އެއް ދުވަސް ކުރިންނެވެ.

އެހެންނަމަވެސް އީރާނުގެ ސެކްރެޓަރީ ޖެނެރަލް ހެދާޔަތު މޮމްބެއިނީ ވިދާޅުވީ، މެޗު އޮންނަ ސިޓީގައި އެންމެ 24 ގަޑިއިރު މަޑުކުރަން ޖެހޭ ހަމައެކަނި ޓީމަކީ އީރާން ކަމަށްވުމަކީ އިންސާފެއް ނޫން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން ކުޅުންތެރިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކުރާ ކަމަށެވެ. މި މައްސަލައިގައި އީރާނުން ފީފާއަށް ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

ޓީމު މެއްލީގެ ކެޕްޓަން މެހްދީ ތަރޭމީ ފާހަގަކުރި ގޮތުގައި، މެކްސިކޯގެ ޓިޖުއާނާއިން ލޮސް އެންޖެލެސްއަށް ކުރި ކުރު ދަތުރުގައި ސެކިއުރިޓީ އަދި އިމިގްރޭޝަން ޗެކްތަކާއެކު ފަސް ގަޑިއިރު ހޭދަވިއެވެ. މީގެ އިތުރުން، އީރާނުގެ ބައެއް އޮފިޝަލުންނަށް އެމެރިކާގެ ވިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، ކުޅުންތެރިޔާ މެހްދީ ތޮރާބީއަށް ވެސް ވަނީ ފުރަތަމަ މެޗަށްފަހު އާ ވިސާއެއް ހޯދަން ޖެހިފައެވެ.

އީރާނުގެ ފެޑެރޭޝަނުން ބުނި ގޮތުގައި، ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗުގެ ދެ ދުވަސް ކުރިން ދަތުރުކުރުމަށް އެދުނު އެދުން ވެސް ވަނީ ބޭރުކޮށްލާފައެވެ. ފެޑެރޭޝަނުން ގަބޫލުކުރާ ގޮތުގައި މިފަދަ ހުރަސްތަކަކީ ހުރިހާ ޓީމުތަކަށް ހަމަހަމަ ފުރުސަތު ދިނުމުގެ އުސޫލާ ހިލާފު ކަމެކެވެ. ނަމަވެސް، ފީފާއިން މިހާތަނަށް އީރާނަށް އެއްވެސް އިސްތިސްނާއެއް ދީފައެއް ނުވެއެވެ.