ބްރެޒިލްގެ ތަރި ނޭމާގެ ކަކުލަށް ލިބިފައިވާ އަނިޔާއަކުން ރަނގަޅުވަމުން އަންނާތީ، ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ހެއިޓީއާ ދެކޮޅަށް ބްރެޒިލް ކުޅޭ މެޗުގައި އޭނާ ނުކުޅޭނެ ކަމަށް ބްރެޒިލްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ކަށަވަރުކޮށްދީފިއެވެ.

ފިލަޑެލްފިއާގައި ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް ޓީމާއެކު ނޭމާ ދަތުރު ނުކުރާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

Ad
rt

ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އޭނާގެ ރިކަވަރީގެ ފަހު މަރުހަލާ އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި ނިއު ޖާޒީގައި މަޑުކުރާނެ" ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި ތަމްރީނު މަރުކަޒުތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން ނޭމާގެ ފިިޓްނަސް ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އުމުރުން 34 އަހަރުގެ ނޭމާ އަކީ ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިހާތަނަށް 79 ލަނޑު ޖަހައި، ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ޕެލޭގެ 77 ލަނޑުގެ ރެކޯޑު މުގުރާލާފައެވެ. ނޭމާގެ ކަކުލަށް އަނިޔާވީ މިދިޔަ މޭ މަހުގެ 17 ވަނަ ދުވަހު ސަންޓޯސްއަށް ކުޅެމުންދަނިކޮށެވެ.

މިދިޔަ އަންގާރަ ދުވަހު ނޭމާ ވަނީ އަނިޔާއަށްފަހު ފުރަތަމަ ފަހަރަށް ތަމްރީނުތަކުގައި ބައިވެރިވާން ފަށާފައެވެ. ނަމަވެސް، އަދިވެސް އޭނާ ޓީމުގެ ފުރިހަމަ ފަރިތަކުރުންތަކުގައި ބައިވެރިއެއް ނުވެއެވެ. ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ، އަނިޔާގައި ހުރި ނޭމާ ސްކޮޑުގައި ހިމެނުމުން ބްރެޒިލްގެ ފުޓްބޯޅަ މުޖުތަމައުގެ ތެރޭގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.

މިއީ ނޭމާ ކުޅޭ ހަތަރުވަނަ ވޯލްޑް ކަޕެވެ. ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލް މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯއާ ވާދަކޮށް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ހެއިޓީއާ ދެކޮޅަށް ކުޅޭ މެޗަކީ ގްރޫޕް ސީގައި ބްރެޒިލްއަށް ވަރަށް މުހިންމު މެޗެކެވެ.