އުރީދޫގެ ޑިޖިޓަލް ވޮލެޓު 'އެމް-ފައިސާ' އާއި ދުނިޔޭގެ މަގުބޫލު ޕޭމަންޓް ޕްލެޓްފޯމް ޕޭޕަލް ގުޅުވައި، އެ ހިދުމަތް ރާއްޖެއަށް ރަސްމީކޮށް މިއަދު ތައާރަފްކޮށްފި އެވެ.

ބާސެލޯ ނަސަންދުރާގައި އުރީދޫ މޯލްޑިވްސްއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ތައާރަފުކުރެވުނީ އުރީދޫ ފިންޓެކް މެދުވެރިކޮށެވެ. މީގެ ސަބަބުން އެމް-ފައިސާ އެކައުންޓާ ޕޭޕަލް ގުޅާލައިގެން ބައިނަލްއަޤްވާމީ ފައިސާގެ މުޢާމަލާތްތައް ސީދާކޮށް ލިބިގަތުމުގެ މަގު ވަނީ ފަހިވެފައެވެ.

Ad
rt

މި ހިދުމަތް ތައާރަފްކުރުމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، ޕޭޕަލް ފަދަ އިތުބާރު ހުރި ބައިނަލްއަގުވާމީ ބްރޭންޑްތަކާ އެކު ރާއްޖެ ގުޅާލުމަކީ ރާއްޖޭގެ އިގްތިސާދީ ތާރީހުގައި ހުޅުވުނު އާ ބާބެއް ކަމަށެވެ. އަދި މިއީ ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުތަކަށް ހުޅުވިފައިވާ، ކުރިއަރާފައިވާ ގައުމެއްކަން އަންގައިދޭ ކަމެއް ކަމަށާއި، މި ހުރިހާ މަސައްކަތެއް ބިނާވެފައިވަނީ ރާއްޖެއަކީ ތަރައްގީވެފައިވާ، އާމްދަނީ މަތީ ގައުމަކަށް ހެދުމަށް ގެންގުޅުއްވާ 'ވިޝަން 2040' ގެ މައްޗަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޕޭޕަލް ހިދުމަތުން ލިބޭނެ ފައިދާތައް:

ޕޭޕަލްގެ ހިދުމަތް އެމް-ފައިސާއާ ގުޅާލުމުން ދިވެހިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އޭގެ ތެރޭގައި:
• ޕޭޕަލް ބަލައިގަންނަ ބައިނަލްއަގުވާމީ ވިޔަފާރިތަކުން ތަކެތި ގަތުމަށް ފައިސާ ދެއްކޭނެ.
• ދިވެހި ވިޔަފާރިތަކަށް ބޭރު ގައުމުތަކުގެ ކަސްޓަމަރުންގެ އަތުން ފައިސާ ބަލައިގަނެވޭނެ.
• ޕޭޕަލް އާއި އުރީދޫ އެމް-ފައިސާ އެކައުންޓާ ދެމެދު ފަސޭހަކަމާ އެކު ފައިސާ ޓްރާންސްފާ ކުރެވޭނެ.

މި ރަސްމިއްޔާތުގައި އުރީދޫގެ ރީޖަނަލް ސީއީއޯ އަހްމަދު އަލް ނައިމާ ވިދާޅުވީ، ދުނިޔެ ޑިޖިޓަލް ވަމުން އަންނަ އިރު ހަމައެކަނި ކަނެކްޓިވިޓީއަކުން ނުފުދޭ ކަމަށާއި، މުސްތަގްބަލު އޮތީ ބައިނަލްއަގުވާމީ ޑިޖިޓަލް އިކޮނޮމީގައި ބައިވެރިވެވޭ މީހުންނަށް ކަމަށެވެ. ޕޭޕަލް އޭޝިއާ ޕެސިފިކްގެ ޖެނެރަލް މެނޭޖަރު އާމިރު ވަލްޔާނީ ވެސް ވަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށް ވިދާޅުވެފަ އެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި ހިދުމަތާ އެކު ރާއްޖޭގެ އިގްތިސާދީ ބިންގާ ވަރުގަދަވެފައިވާ ކަމަށެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އުރީދޫއަށް އިންވާޑް ރެމިޓެންސް ލައިސަންސް ދީފައިވާ އިރު، މިއީ ރާއްޖެއަށް ޕޭޕަލް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކުރިއެރުމެކެވެ.