ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްގެ އިތުބާރުގެ މައްސަލަ އެޖެންޑާކޮށް މިއަދު ހެނދުނު 9:00 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ ވަނީ ނާޒިމް އިސްތިއުފާދެއްވިކަން ޢިއުލާންކުރެއްވުމަށްފަހު މިއަދު މެންދުރުފަހު 13:00 ގައި މަޖިލީހުގެ އިތުރު ޖަލްސާއެއް އޮންނާނެކަމަށް ޢިއުލާންކުރަށްވާފައެވެ.

Ad
rt

ނަމަވެސް އެޖެލްސާގައި އޮންނާނީ ކޮންކަމެއްކަން ވިދާޅެއްނުވެއެވެ. އަދި ހެނދުނު 10:00 އާއި ހަމައަށް ޖަލްސާގެ އެޖެންޑާ ވެސް އަޕްލޯޑްކޮށްފައެއްނުވެއެވެ. ނަމަވެސް ޕީއެންސީގެ ޕީޖީ ގްރޫޕްގެ ސީނިއަރ މެމްބަރަކު ވިދާޅުވިގޮތުގައި އެއީ މަޖިލީހުގެ އައު ނައިބުރައީސެއް އިންތިޚާބުކުރަން ބާއްވާ ޖަލްސާއެކެވެ.

އިތުބާރުނެތްކަމަށް ވޯޓަށް އެހުމުގެ ކުރިން ނާޒިމް އިސްތިއުފާދެއްވައިފި

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނައިބު ރައީސަކު ހޮވާނީ ޖަލްސާގައި ނަން ހުށަހަޅައި ތާއީދުލިބިގެން، މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެ ވޯޓުގެ ކަންކަން ކުރިއަށްގެންދާނީ އެ ޖަލްސާގައި ނަން ހުށަހަޅައި ތާއީދު ލިބި، ފާސްކުރާ މެމްބަރުންގެ ކުޑަ ކޮމެޓީއަކުންނެވެ.

މިއަދުގެ މަޖިލީހުގެ ދެ ޖަލްސާއެއް ބާއްވަނީ މިއަދުގެ ނިޔަލަށް މަޖިލީހުގެ މި ދައުރު ދަންމާލައިގެންނެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ޤާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަޖިލީހުގެ ޖަލްސާތައް، އަހަރެއްގެ ތެރޭގައި ބެހިގެންވާނީ ތިން ދައުރުގެ މައްޗަށެވެ. ފުރަތަމަ ދައުރު ހިނގާނީ ފެބުރުވަރީ މަހުގެ ފުރަތަމަ 1 ދުވަހުން ފެށިގެން މޭ މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން 2 ފެށިގެން އޮގަސްޓު މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ 3 ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.

މިހާރު ހިނގަމުން ދަނީ މިއަހަރުގެ ފުރަތަމަ ދައުރެވެ.