އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ނުކުރާނެ ކަމަށާއި، ސަރަހައްދީ ހަމަޖެހުން ގެއްލުވާލުމަށް މަސައްކަތް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ބައިނަލްއަގުވާމީ މުޖުތަމައަށް ދިނުމަށް ތައްޔާރަށް އޮތް ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ދައުލަތުގެ މީޑިއާ މެދުވެރިކޮށް ވާހަކަދައްކަވަމުން ޕެޒެޝްކިއާން ވިދާޅުވީ، އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ބޭނުން ނުވާކަން ކުރިންވެސް ހާމަކޮށްފައިވާނެ ކަމަށާއި، މިއަދުވެސް އެކަން ތަކުރާރު ކުރައްވާ ކަމަށެވެ.

Ad
rt

ޕެޒެޝްކިއާން ވަނީ ސަރަހައްދީ ހަމަނުޖެހުންތަކުގެ ތުހުމަތު އިޒްރޭލަށް އަމާޒުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރަހައްދީ ހަމަޖެހުން ގެއްލުވާލަނީ ތަލްއަވީވުން ކަމަށާއި، އިޒްރޭލުން މަސައްކަތް ކުރަނީ "ގްރޭޓާ އިޒްރޭލް" އެއް އުފެއްދުމަށެވެ. މީގެ އިތުރުން، އީރާނުގެ މަޝްވަރާވެރިން ގައުމުގެ އަބުރާއި އިއްޒަތަށް އުނިކަން އަންނާނެ އެއްވެސް ކަމަކަށް އެއްބަސްނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އީރާނުގެ ރައީސްގެ މި ވާހަކަފުޅުތައް ދައްކަވާފައި މިވަނީ، އީރާނާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ބޮޑުބައި ނިމިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެފައި ވަނިކޮށެވެ. މި އެއްބަސްވުމުގެ ދަށުން އީރާނުން މިހާރު ރައްކާކޮށްފައިވާ މަތީ ދަރަޖައަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ސްޓޮކް ނައްތާލުމަށް އެމެރިކާއިން ބާރުއަޅަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޕާކިސްތާނުގައި 60 ދުވަހުގެ މުއްދަތަށް ދިގު މުއްދަތުގެ ހިފެހެއްޓުންތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، ގަތަރުގައި ހުރި އީރާނުގެ ގަނޑުކޮށްފައިވާ 12 ބިލިއަން ޑޮލަރުގެ މިލްކިއްޔާތު ދޫކޮށްލުމާ މެދު ދެ ގައުމުގެ ދެމެދުގައި އަދިވެސް ހިޔާލުތަފާތުވުންތައް އެބަހުއްޓެވެ. އީރާނުން ބޭނުންވަނީ އެއްބަސްވުމުގެ ކުރިން ފައިސާ ދޫކުރުމަށެވެ. އެކަމަކު އެމެރިކާއިން ބޭނުންވަނީ ޔުރޭނިއަމް ހަވާލުކުރުމުން ނޫނީ ފައިސާ ދޫނުކުރުމަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ރައީސް ޓްރަމްޕާ ގުޅައި، އީރާނުގެ ނިއުކްލިއާ ބިރުވެރިކަން މުޅިން ނައްތާލުމަށް ބުނެފައެވެ. އަދި ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ އާ ދެކޮޅަށް އޮޕަރޭޝަންތައް ހިންގުމުގެ އިހުތިޔާރު އިޒްރޭލަށް އޮންނަންޖެހޭނެ ކަމަށް ނަތަންޔާހޫ ބުނަމުންދާއިރު، އީރާނުން ބޭނުންވަނީ ހުރިހާ ފްރަންޓެއްގައި ހަނގުރާމަ ހުއްޓާލުމުގެ ޔަގީންކަމެއް ހޯދުމަށެވެ.

މީގެ އިތުރުން ހޯރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައިވެސް ދެބަސްވުންތަކެއް އެބަހުއްޓެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ކަނޑުއޮޅި ހުޅުވާލަން ޖެހޭނެ ކަމަށެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެއީ އީރާނާއި އޮމާނާ ދެމެދު އޮތް މައްސަލައެއް ކަމަށާއި އޭގެ ތެރެއަށް އެމެރިކާ ވަދެގެން ނުވާނެ ކަމަށެވެ.

ރައީސް ޕެޒެޝްކިއާން މި މަޝްވަރާތައް ކުރިއަށް ގެންދަވަނީ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމުގެ ބޭނުމުގައެވެ.