މިހާރު ހިނގަމުންދާ ހަނގުރާމަ ފެށުނު ފަހުން، އެމެރިކާ ސިފައިން ބޭނުންކުރާ އެމް.ކިއު-9 (MQ-9) ރީޕަރ މަރުކާގެ 24 އަށްވުރެ ގިނަ ޑްރޯން އިރާނުން ހަލާކުކޮށްލާފައިވާ ކަމަށް ބްލޫމްބާގް ރިޕޯޓެއްގައި ބުނެފިއެވެ.
ބުދަ ދުވަހު އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން، މިއީ ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ އަގުހުރި އާލާތްތަކެކެވެ.
މި ގެއްލުމަކީ ހަނގުރާމައިގެ ކުރިން ޕެންޓަގަންގެ އިންވެންޓްރީގައި ހުރި މިފަދަ ޑްރޯންތަކުގެ ގާތްގަނޑަކަށް 20 އިންސައްތައެވެ. ޖެނެރަލް އެޓޮމިކްސް ކުންފުނިން އުފައްދާ ރީޕަރ ޑްރޯންތަކަކީ ޖާސޫސީ މައުލޫމާތު އެއްކުރުމާއި، ސާވޭލަންސް ހެދުމުގެ އިތުރުން ސީދާ އަމާޒަށް ހަމަލާދިނުމަށް ބޭނުންކުރާ ވަރަށް މުހިންމު ވަސީލަތެކެވެ. ކޮންމެ ޑްރޯނެއްގެ އަގު އުޅެނީ 16 މިލިއަނާއި 30 މިލިއަން ޑޮލަރާ ދެމެދުގައެވެ.
ބްލޫމްބާގަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނާ ގޮތުގައި، މީގެ ތެރެއިން ގިނަ ޑްރޯންތައް ވައްޓާލާފައިވަނީ އިރާނުގެ ވައިގެ ދިފާއީ ނިޒާމު ބޭނުންކޮށްގެން އުދުހެމުން ދަނިކޮށެވެ. އަދި ބައެއް ޑްރޯންތައް ހަލާކުވެފައިވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދިން މިސައިލް ހަމަލާތަކުގައާއި އޮޕަރޭޝަނަލް އެކްސިޑެންޓްތަކުގައެވެ.
މި ހަނގުރާމައިގައި އެމެރިކާއަށް ލިބިފައިވަނީ ހަމައެކަނި ޑްރޯންގެ ގެއްލުމެއް ނޫނެވެ. ކޮންގްރެޝަނަލް ރިޕޯޓްތައް ބުނާ ގޮތުން، އެމެރިކާގެ 42 އުޅަނދަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މީގެ ތެރޭގައި ހަނގުރާމަވެރި މަތިންދާބޯޓުތަކާއި، ތެޔޮ އަޅާ ބޯޓުތަކާއި، ޖާސޫސީ ބޯޓުތައް ހިމެނެއެވެ. މި ތަކެތީގެ ޖުމްލަ އަގު 2.6 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
އަސްކަރީ މާހިރުން ފާހަގަކުރާ ގޮތުގައި، އިރާނުގެ ވަރުގަދަ ވައިގެ ދިފާއީ ނިޒާމުގެ ކުރިމަތީގައި މިފަދަ ލަސް ޑްރޯންތައް ބޭނުންކުރުމަކީ ބޮޑު ނުރައްކަލެކެވެ. އަދި މި ވަސީލަތްތައް އަލުން އުފައްދައި އިންވެންޓްރީ ފުރުމަކީވެސް އެމެރިކާއަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
މި ހަނގުރާމައިގައި ދެ ފަރާތަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އިރާނުގެ މިސައިލް އުފައްދާ ތަންތަނަށާއި ނިއުކްލިއަރ އިންފްރާސްޓްރަކްޗަރަށް ވަރުގަދަ ހަމަލާތަކެއް އަމާޒުވެފައިވާއިރު، އެމެރިކާއާއި އެގައުމުގެ ބައިވެރިންނަށް ވަނީ އިރާނުގެ އަސްކަރީ ގާބިލުކަމުގެ ސަބަބުން ހީނުކުރާ ފަދަ މާލީ އަދި އަސްކަރީ ލޮޅުންތަކެއް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!