އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށްފަހުވެސް، އެ ގައުމުގެ ނިއުކްލިއާ ގާބިލުކަމުގެ މުހިންމު ބައިތައް ސަލާމަތުން ހުރިކަން ސެޓެލައިޓް ފޮޓޯތަކުން ކަށަވަރުވެފައިވާކަމަށް ސީއެންއެން އިން ރިޕޯޓްކޮށްފިއެވެ.
އަންގާރަ ދުވަހު އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން، ހަމަލާތަކުގައި އުފެއްދުންތެރިކަމުގެ ބޮޑު ބަޔަކަށް ގެއްލުން ލިބުނު ނަމަވެސް، އެންމެ މުހިންމު ބައެއް ވަސީލަތްތަކަށް އަސަރެއް ކޮށްފައެއް ނުވެއެވެ.
ސީއެންއެންގެ ރިޕޯޓުގައި ބުނެފައިވަނީ ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތުގައި ބޭނުންކުރާ އެންމެ މުހިންމު ބައިތަކާއި، މަތީ ދަރަޖައަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ރައްކާކޮށްފައިވާ ތަންތަނަށް "އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައި ނުވާކަމަށް" ބެލެވޭ ކަމަށެވެ. މީގެ ތެރޭގައި ފާއިތުވި އަހަރުތަކުގައި ބޮޑުކޮށްފައިވާ ސަގަންދު ޔުރޭނިއަމް މައިން ހިމެނެއެވެ. އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާއިރު، އެތަނުގައި އަދިވެސް ކޮނުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.
އެމެރިކާއާއި އިސްރާއީލަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ އިސްފަހާން ޔުރޭނިއަމް ކޮންވާޝަން ފެސިލިޓީއެވެ. މިތަނަކީ ޔުރޭނިއަމް ސާފުކޮށް ޔުރޭނިއަމް ހެކްސަފްލޯރައިޑަށް ބަދަލުކުރާ ތަނެވެ. ހަމަލާތަކަށްފަހު އީރާނުން ވަނީ އެ ފެސިލިޓީތަކުގެ ކައިރީގައި ހުރި ބިންގަރާސްތަކުގެ ދޮރުތައް ބަންދުކޮށްފައެވެ. މީގެއިން ދޭހަވަނީ "އެ ބިންގަރާސްތަކުގެ އަޑީގައި އަދިވެސް އަގުހުރި ވަސީލަތްތަކެއް ހުރިކަން" ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެގެން ދިޔައީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާ ދިނުމާ ގުޅިގެންނެވެ. މީގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ އިސްރާއީލަށާއި ގަލްފުގައި ތިބި އެމެރިކާގެ ބައިވެރިންނަށް ހަމަލާދީ، ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
ޕާކިސްތާނުގެ މެދުވެރިކަމާއެކު އޭޕްރީލް 8 ވަނަ ދުވަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އިސްލާމްއާބާދުގައި ބޭއްވި މަޝްވަރާތަކުން ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ވަގުތީ ސުލްހައިގެ މުއްދަތު ވަކި މުއްދަތެއް ނެތް ގޮތަށް އިތުރުކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!