ރޫމޭނިއާގެ ޕާލަމެންޓުން ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން، އެގައުމުގެ ބޮޑުވަޒީރު އިލީ ބޮލޮޖާންގެ ސަރުކާރު އަންގާރަ ދުވަހު އުވާލައިފިއެވެ.

މިއީ 1989 ވަނަ އަހަރު ރޫމޭނިއާގެ އިންގިލާބަށްފަހު ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އިތުބާރު ނެތްކަމުގެ ވޯޓަކުން ވެއްޓުނު ހަތްވަނަ ސަރުކާރެވެ.

Ad
rt

ވޯޓުގެ ކުރިން ބޭއްވި ބަހުސްގައި ބޮލޮޖާން ވިދާޅުވީ، މި މޯޝަނަކީ ހަގީގަތާ ހިލާފު އަދި އަމިއްލަ އެދުމުން ފުރިގެންވާ ކަމެއް ކަމަށެވެ.

"ގައުމު ގިނަގުނަ ދަތިތަކަކާ ކުރިމަތިލަމުންދާ ދަނޑިވަޅެއްގައި ކޮންމެ ގައުމަކުންވެސް މަސައްކަތް ކުރާނީ ސަރުކާރު ވަރުގަދަ ކުރަން، ބަދަލުކުރާކަށް ނޫން،" އޭނާ ވިދާޅުވިއެވެ.

ބޮލޮޖާންގެ ސަރުކާރު ވެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ޕީއެސްޑީ) އިންނެވެ.

ޕީއެސްޑީން ވަނީ ސަރުކާރުގެ ހަރުކަށި އިގްތިސާދީ ސިޔާސަތުތަކާ ހިތްހަމަނުޖެހިގެން، ކަނާތު ފިޔަހުގެ ހަރުކަށި ޕާޓީއެއް ކަމަށްވާ އެލަޔަންސް ފޯ ދަ ޔޫނިއަން އޮފް ރޫމޭނިއަންސް (އޭޔޫއާރު) އާ ގުޅިގެން ސަރުކާރު ވައްޓާލާފައެވެ. މި ނިންމުމުގެ ސަބަބުން ވިލާތުގެ އިއްތިހާދުގެ ސޯޝަލިސްޓް އެންޑް ޑިމޮކްރެޓްސް ގްރޫޕަށް ވަނީ ހައިރާންކަމެއް ލިބިފައެވެ. އެއީ މީގެ ކުރިން ކަނާތު ފިޔަހުގެ ޕާޓީތަކާ ގުޅުން ބޭއްވުމުން އެހެން ގްރޫޕްތަކަށް ފާޑުކިޔަމުން އައި ޕީއެސްޑީން މިފަދަ ފިޔަވަޅެއް އެޅުމުންނެވެ.

ސަރުކާރު ވެއްޓުމުގެ މޭސްތިރިއެއްގެ ގޮތުގައި ބެލެވެނީ އޭޔޫއާރުގެ ލީޑަރު ޖޯޖް ސިމިއަން އެވެ. ސިމިއަން ވަނީ އާންމު އިންތިހާބެއް އަވަސް ކުރުމަށް ގޮވާލައްވާފައެވެ. ނަމަވެސް 2028 ގެ ކުރިން އިންތިހާބެއް ބޭއްވުމުގެ ފުރުސަތު ކުޑަކަމަށް މުހައްލިލުން ދެކެއެވެ. މިހާރު ބެލެވެނީ ރައީސް ނިކުޝޯރް ޑަން ސިޔާސީ ޕާޓީތަކާ މަޝްވަރާކުރައްވައި، އާ ކޯލިޝަނެއް ނުވަތަ މިނިވަން ޓެކްނޯކްރެޓެއްގެ ދަށުން ސަރުކާރެއް އެކުލަވާލައްވާނެ ކަމަށެވެ.

މި ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ރޫމޭނިއާގެ އިގްތިސާދަށް ބޮޑެތި ނުރައްކާތަކެއް ވަނީ ކުރިމަތިވެފައެވެ. އަންނަ އޮގަސްޓް މަހުގެ ކުރިން އިސްލާހީ ބަދަލުތަކެއް ނުގެނެސްފިނަމަ، އީޔޫއިން ލިބެން އޮތް 11 ބިލިއަން ޔޫރޯގެ އެހީ މެދުކަނޑާލުމުގެ ބިރު އެބައޮތެވެ. ރައީސް ޑަން ވަނީ ރޫމޭނިއާގެ ރައްޔިތުންނާއި ބޭރުގެ އެކުވެރިންނަށް ޔަގީންކަން ދެއްވައި، ކޮންމެ ހާލަތެއްގައިވެސް ގައުމުގެ ހަމަޖެހުން ދަމަހައްޓާނެ ކަމަށް ވިދާޅުވެފައެވެ.