އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއާޕޯޓް (އައިކޭއައިއޭ) އިން ބައިނަލްއަގުވާމީ ބައެއް ދަތުރުތައް މިއަދު ހެނދުނު އަލުން ފަށައިފިއެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ދަތުރުތައް އަލުން ފެށުމާއެކު އެންމެ ފުރަތަމަ ފުރި ފްލައިޓްތައް ދަތުރުކޮށްފައިވަނީ މެދުއިރުމަތީގެ އެކި ސިޓީތަކަށެވެ. މީގެ ތެރޭގައި ސައުދީ އަރަބިއްޔާގެ މަދީނާ، އޮމާންގެ މަސްކަޓް އަދި ތުރުކީގެ އިސްތަންބޫލް ހިމެނެއެވެ.

Ad
rt

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ފެށުނު ފަހުން، އީރާނުގެ ވައިގެ ސަރަހައްދުގެ ބޮޑުބައެއް އޮތީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ފަސިންޖަރުން އުފުލާ ފްލައިޓްތައް މެދުކަނޑާލާފައި އޮންނަތާ މިހާރު ގާތްގަނޑަކަށް ދެ މަސް ދުވަސް ވެފައިވާކަން ފާހަގަކުރެވެއެވެ.

މި ދަތުރުތައް އަލުން ފަށާފައިވަނީ ސަރަހައްދީ މަސްލަހަތަށް އައި ބަދަލުތަކަކާ ގުޅިގެންނެވެ. އޭޕްރީލް 8 ވަނަ ދުވަހު ޕާކިސްތާނުން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާ އާއި އީރާނުން ވަނީ ދެ ހަފުތާގެ މުއްދަތަށް ޝަރުތުތަކަކާއެކު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައެވެ.

މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައި ވަނީ، އީރާނުން މަޝްވަރާތަކަށް ހުށަހެޅުމެއް ހުށަހަޅަންދެން، އޭޕްރީލް 21 ގައި ހަމަވި މި މުއްދަތު ވަކި މުއްދަތެއް ނެތްގޮތަށް އިތުކޮށްފައިވާކަމަށެވެ. މި އެއްބަސްވުންތަކާއެކު އީރާނުގެ ވައިގެ ދަތުރުފަތުރަށް ވަނީ ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެން ގޮސްފައެވެ.

ވައިގެ ސަރަހައްދުގެ ބޮޑުބައެއް ހުޅުވާލެވިފައިވީ ނަމަވެސް، އަދިވެސް ބައެއް ގޮންޖެހުންތައް އެބަހުއްޓެވެ. ޚާއްސަކޮށް ޕާޝިއަން ގަލްފް އަދި ސްޓްރެއިޓް އޮފް ހޯމޫޒްގައި އެމެރިކާގެ ކަނޑުގެ ސިފައިން ބްލޮކޭޑެއް ދަމަހައްޓަމުންދާތީ، ހުޅަނގުގެ ވައިގެ ސަރަހައްދު އަދިވެސް އޮތީ އަސްކަރީ ބާރުގެ ދަށުގައެވެ. ވޭތުވި ދުވަސްކޮޅު ގިނަ އެއާޕޯޓުތައް ހިންގަމުންދަނީ ދުވާލަކު 11 ގަޑިއިރުގެ ވަގުތުކޮޅެއްގައެވެ. އެއީ ފަތިހު 03:30 އާއި މެންދުރުފަހު 02:30 އާ ދެމެދުގައެވެ.

ދަތުރުތައް އަލުން ފެށުމުގައި އެންމެ އިސްކޮށް އުޅެނީ ގައުމީ އެއާލައިން، އީރާން އެއާ އެވެ.