ތިންވަނަ ގައުމެއް މެދުވެރިކޮށް އޭޕްރީލް 2 ވަނަ ދުވަހު އެމެރިކާއިން އީރާނަށް 48 ގަޑިއިރުގެ ހަނގުރާމަ ހުއްޓާލުމަކަށް ހުށަހެޅި ކަމަށް އީރާނުގެ ސެމީ-އޮފިޝަލް ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފިއެވެ.

މައުލޫމާތު އެނގޭ މަސްދަރަކާ ހަވާލާދީ އެ އެޖެންސީން ހުކުރު ދުވަހު ބުނެފައިވަނީ، މި ހުށަހެޅުން އެމެރިކާއިން ހުށަހެޅީ ސަރަހައްދީ ގައުމެއް މެދުވެރިކޮށް ކަމަށެވެ.

Ad
rt

"އެކުވެރި ގައުމެއް މެދުވެރިކޮށް، އޭޕްރީލް 2 ވަނަ ދުވަހު އެމެރިކާއިން ވަނީ 48 ގަޑިއިރުގެ ހަނގުރާމަ ހުއްޓާލުމަކަށް ހުށަހަޅާފައި،" މަސްދަރުން ފާރްސް ނިއުސް އެޖެންސީއަށް މައުލޫމާތު ދީފައިވެއެވެ.

މި ހުށަހެޅުން އައީ މެދުއިރުމަތީގެ ސަރަހައްދުގައި އެމެރިކާގެ ސިފައިންނަށް ކުރިމަތިވަމުންދާ ނުތަނަވަސްކަމާއި ގޮންޖެހުންތައް އިންތިހާއަށް އިތުރުވުމާ ގުޅިގެން ކަމަށްވެސް އެ މަސްދަރުން ބުނެފައިވެއެވެ.

އީރާނުގެ ޖަވާބު އައީ އަމަލީ މައިދާނުން

އެމެރިކާގެ މި ހުށަހެޅުމަށް އީރާނުން އެއްވެސް ލިޔުމަކުން ޖަވާބު ދީފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ބަދަލުގައި އީރާނުން ޖަވާބު ދީފައިވަނީ ވަރުގަދަ ހަމަލާތައް ކުރިއަށް ގެންގޮސް "އަމަލީ މައިދާނުން" ކަމަށް ފާރްސް ނިއުސް އެޖެންސީން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ކުވެއިތުގެ ބޫބިޔާން އައިލެންޑްގައި ހުންނަ އެމެރިކާގެ އަސްކަރީ ގުދަނަކަށް ހަމަލާއެއް ދިން ކަމަށް ރިޕޯޓްތައް ލިބުމާ ގުޅިގެން، ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ކުރާ ޑިޕްލޮމެޓިކް މަސައްކަތްތައް މިހާރު ވަނީ ވަރުގަދަކޮށްފައެވެ.

މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް 1,340 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި އީރާނުގެ އޭރުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ހިމެނިވަޑައިގަންނަވައެވެ. މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ދަނީ އިސްރާއީލުގެ އިތުރުން އުރުދުން، އިރާގު އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފްގެ ގައުމުތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ.

މި ހަމަލާތަކުގެ ސަބަބުން ސަރަހައްދީ މަސްރަހު ނުތަނަވަސްވެ، ގިނަ ބަޔަކު މަރުވެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކަށާއި ވައިގެ ދަތުރުފަތުރަށް ވެސް ބޮޑެތި ބުރޫތަކެއް އަރަމުންދާކަން ފާހަގަކުރެވެއެވެ.