އަދުގެ ދުނިޔޭގައި މަޖާކުރެވޭ ކަމެއް ކަމުގައި ދޮގުހެދުން ވެއްޖެއެވެ. މިއީ ވަރަށް ދެރަކަމެއް ނޫން ތޯއެވެ؟ ކޮންމެ އަހަރެއްގެ އޭޕްރީލްމަހު ގެ ފުރަތަމަ ދުވަހަކީ، ބިރަކައިނުލާ ދޮގު ހެދުމަށް މީސްތަކުން ހޭނިފައި އޮތް ދުވަހެކެވެ. ކާފިރުންގެ ތެރޭ ފެށިގެން އައި މި ނުބައި އާދަ މިއަދު މުސްލިމުންގެ ތެރޭގައި ވެސް މި ވަނީ ފެތުރި އާންމުވެފައެވެ.

އިސްލާމުންގެ ހައިޘިއްޔަތުން އަޅުގަނޑުމެން ބަލަންވީ ކަންކަން އާންމުވެފައި އޮތް މިންވަރަކަށް ނޫނެވެ. އިސްލާމްދީނުގައި އެ ކަމެއްގެ ޙުކުމް އޮތް ގޮތަށެވެ. މީހުންގެ ތެރޭ ކަމެއް އާންމުވެގެން ދިޔުމަކީ އޭގެ ޙުކުމް ބަދަލުވާނެ ކަމެއް ނޫންކަން ވެސް ދަންނަން ވާނެއެވެ. ދޮގު ހެދުމަކީ އެފަދަ ކަމެކެވެ. ބަޔަކު އެ ކަން ކުރުން ގިނަ ކުރިޔަސް އިސްލާމްދީނުގައި އެއީ ހުއްދަ ކަމެއްގެ ގޮތުގައި ބެލެވޭނެ އެއްވެސް ޖާގައެއް ނެތެވެ.

Ad
rt

މި ދީނުގައި ތަރުޙީބުދެއްވައިފައި ވަނީ ދެތުވެރިކަމަށެވެ. އަދި އެއީ ތަޤުވާވެރިކަމާ ވެސް ގުޅުވައިފައި އޮތް ކަމެއްމެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا﴾ ‎(الأحزاب: ٧٠) މާނައީ: "އޭ އީމާޏްވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ!" މިއީ ވަރަށް ފަސޭހައިން މާނަ ވިސްނޭ ގޮތަށް އޮތް ޞަރީޙަ އާޔަތެކެވެ. ސީދާ، ކަމުގެ ޙަޤީޤަތް އެނގޭ ގޮތަށް ތެދު ބަހުން ވާޙަކަދެއްކުމަށް ﷲ އެ ވަނީ އަންގަވައިފައެވެ.

އޮޅުވައިލާ، މަކަރުހަދާ، ލަނޑުދިނުމުން މުސްލިމުން އެއްކިބާވާން ޖެހޭނެއެވެ. މަޖަލަކަށް ވިޔަސް ސަމާސާއަކަށް ވިޔަސް ދޮގެއް ހަދައިގެން ނުވާނެއެވެ. އެއީ ލަޢުނަތްލެއްވިގެންވާ ކަމެކެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘުކުރެއްވިއެވެ. «وَيْلٌ لِلَّذِي يُحَدِّثُ فَيَكْذِبُ لِيُضْحِكَ بِهِ القَوْمَ، وَيْلٌ لَهُ، وَيْلٌ لَهُ» (أبو داود: 4990) މާނައީ: "މީހުން ހެއްވުމަށް ޓަކައި ދޮގުހަދާ މީހާއަށް ލަޢުނަތް ހުށްޓެވެ."

"އޭޕްރީލް ފޫލް"ގެ ނަމުގައި މީގެ ޒަމާންތަކެއް ކުރިން ފެށިގެން ދިވެހިންގެ ތެރޭ މި ގޯސް ހަދަމުން އާދެއެވެ. ހުއްޓުވަން މަސައްކަތް ކުރި ބަޔަކު އެ ކަން ކުރިއެވެ. ކަމުގެ ނުބައިކަމުން މީހުން ހޭލުންތެރި ކުރުވިއެވެ. އެހެނަސް ދީނީ ގޮތުން އެންމެ ފުޅާ ދާއިރާއެއްގައި އެ ކަން ކުރެވުނުބާ އެވެ؟ ހިތަށް އަރައެވެ.

އާދެ މިއީ ޤިޔާމަތްދުވަހަށް އީމާންވުމުގެ މައުޟޫއާ ވެސް ގުޅުން ހުރި ވާހަކައެކެވެ. "އޭޕްރީލް ފޫލް"ގެ ނަމުގައި ވިޔަސް އަދި އެއީ އެންމެ ދުވަހެއްގެ ޢަމަލެއް ކަމުގައި ވިޔަސް އެ ޢަމަލަކީ ވެސް ހިސާބުބެލެވޭނޭ ޢަމަލެވެ. އޭގެ ރެކޯޑް ބެލެހިއްޓިފައި ހުންނާނެއެވެ. އެކަނަ ބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ﴾ ‎(ق: ١٨) މާނައީ: "(ކުރާ ޢަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ހާޒިރުވެ މަލާއިކަތަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ."

ދޮގުހަދާ މީހާއަށް ލިބޭ ގެއްލުމުގެ އިތުރަށް މި ކަމަކީ އިޖްތިމާޢީ ބަލިމަޑުކަމަށް މަގުފަހިކުރުވާ ކަމެއް ވެސް މެއެވެ. މުޖްތަމަޢު ބައިބައިވެ، މީސްތަކުންގެ ޢަބުރާއި ޢިއްޒަތް ވެއްޔާ މޮޑެވޭ ކަމެއް ވެސް މެއެވެ. މުސްލިމު މުޖުތަމަޢުތަކުގައި ކުޅިވަރަކަށް ހަދައިގެން ވިޔަސް އަދި ޚިޔާލެއް ފިކުރެއް ނެތި ސަމާސާ އަކަށް ވިޔަސް ދޮގުހަދައިގެން ނުވާނެއެވެ. ދުނިޔޭގެ އެންމެން ދޮގުހަދާ ދުވަހެއް ފާހަގަކުރިޔަސް އަޅުގަނޑުމެން އެ ކަން ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

އަޅުގަނޑުމެން މުސްލިމުންނަކީ މާތް ﷲއަށް ބިރުވަތައިގެން އެއިލާހަށް ތަޤުވާވެރިވެގެން ތިބެންޖެހޭ ބައެކެވެ. ތަޤުވާއަށް މަގުދައްކާ އެއްޗަކީ ތެދުވެރިކަމެވެ. ދޮގުވެރިކަމެއް ނޫނެވެ. ރަސޫލާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «عَلَيْكُمْ بِالصِّدْقِ فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ» (الترمذي: 1971) މާނައީ: "ތިޔަބައިމީހުންގެ މައްޗަށް އޮތީ ތެދު ބުނުމެވެ. ފަހެ، ހަމަކަށާވަރުން ތެދުވެރިކަން ބިރުވެތިކަމަށް މަގުދައްކައެވެ."