އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ވިދާޅުވުމާ ގުޅިގެން، ޖަރުމަނުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރ އަށް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ އަންގާރަ ދުވަހު ތައުރީފު ކުރައްވައިފިއެވެ.
އީރާނުގެ ހާރިޖީ ވަޒީރު ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޣައްޒާ އާއި ޔޫކްރެއިންގެ މައްސަލައިގައި ހުޅަނގުން ގެންގުޅޭ ދެފުށްގެރޭ އުސޫލުތަކާއި، އީރާނަށް އިސްރާއީލާއި އެމެރިކާއިން ދެމުންދާ ހަމަލާތަކާ މެދު ހަނު ތިބުމުގެ ސަބަބުން، އަމަލީ ގޮތުން ބައިނަލްއަގުވާމީ ގާނޫނު މިހާރު އޮތީ މަރުވެފައި ކަމަށެވެ.
"އީރާނާ ދެކޮޅަށް ހިންގާ ގާނޫނާ ހިލާފު އަމަލުތައް ކުށްވެރި ކުރެއްވީތީ ރައީސް ސްޓައިންމަޔަރ އަށް ޝުކުރު ހައްގު. ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރަން ބޭނުންވާ ފަރާތްތަކުންވެސް މިކަމާ ދެކޮޅަށް އަޑުއުފުލަންޖެހޭ،" އަރާގްޗީ ލިޔުއްވާފައިވެއެވެ.
ޖަރުމަނު ރައީސްގެ ފާޑުކިޔުން
އަންގާރަ ދުވަހުގެ ކުރީކޮޅު ޖަރުމަނުގެ ހާރިޖީ ވުޒާރާގައި ދެއްވި ތަގުރީރެއްގައި ރައީސް ސްޓައިންމަޔަރ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވެވަޑައިގަތުމާއި، އީރާނާ ދެކޮޅަށް "ޣައިރު ގާނޫނީ" ހަނގުރާމައެއް ފެއްޓެވުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. "އަޅުގަނޑު ދެކޭގޮތުގައި މި ހަނގުރާމައަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް،" ރައީސް ސްޓައިންމަޔަރ ވިދާޅުވިއެވެ.
މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށި ފަހުން ސަރަހައްދީ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މީގެ ރައްދުގައި ތެހެރާނުން ދަނީ އިސްރާއީލަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ތަކުރާރުކޮށް ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!