ސަރަޙައްދީ މަސްރަޙަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ސަލާމަތީ ސަބަބުތަކަށްޓަކައި، ކުވެއިތުގެ ގްރޭންޑް މަސްޖިދުގައި މިއަހަރުގެ ފިޠުރު ޢީދު ނަމާދު ނުކުރާގޮތަށް އެ މިސްކިތުން ހަމަޖައްސައިފިއެވެ.

މިކަމާ ގުޅޭގޮތުން އެ މިސްކިތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރު މެދުއިރުމަތީގެ މަސްރަޙު އޮތްގޮތުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މިއަހަރުގެ ފިޠުރު ޢީދު ނަމާދު އެ މިސްކިތުގައި ނުބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ކުވެއިތުގެ ހަނދު ބަލާ ކޮމިޓީން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މާޗް 20 ވާ ހުކުރު ދުވަހެވެ.

Ad
rt

މި ނިންމުން ނިންމާފައިވަނީ އީރާނާއި، އިސްރާއީލް އަދި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ގަލްފުގެ ސަރަޙައްދަށް އޮތް ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ފާއިތުވި ހަފުތާތަކުގައި ކުވެއިތުގެ ބައެއް މުހިންމު ތަންތަނަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް އަމާޒުވެފައިވާތީ، ކުވެއިތުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ރައްކާތެރިކަމުގެ ގޮތުން ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

ހުސްބިންތަކުގައި ނަމާދުނުކުރުން: ކުވެއިތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ހުސްބިންތަކާއި (މުޞައްލަ) މިސްކިތްތަކުގެ ގޯތިތެރޭގައި ޢީދު ނަމާދުކުރުން ވަނީ މަނާކޮށްފައެވެ.
މިސްކިތްތަކުގެ އެތެރޭގައި އެކަނި ނަމާދުކުރުން: ޢީދު ނަމާދު ކުރާނީ ހަމައެކަނި ހުކުރު ނަމާދުކުރާ މިސްކިތްތަކުގެ އެތެރޭގައެވެ. މިއީ ވައިގެ މަގުން އަތުވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށާއި ސަލާމަތީ ކަންކަން ބެލެހެއްޓުން ފަސޭހަކުރުމަށް ނިންމި ނިންމުމެކެވެ.
ގްރޭންޑް މަސްޖިދު ބަންދުކުރުން: ގްރޭންޑް މަސްޖިދަކީ އާދަޔާ ޚިލާފަށް ގިނަ އަދަދެއްގެ ބަޔަކު އެއްވާ ތަނަކަށް ވުމުން، އެތަން ނުރައްކަލަކަށް ހުށަހެޅިދާނެތީ، މިއަހަރުގެ ޢީދު ނަމާދަށް އެ މިސްކިތް ވަނީ ބަންދުކޮށްފައެވެ.
ވަގުތު ކަނޑައެޅުން: ހުރިހާ މިސްކިތެއްގައިވެސް ޢީދު ނަމާދު ފަށާނީ ހެނދުނު 6:08 ގައެވެ.

މީގެ އިތުރުން، ސަރުކާރުން ވަނީ ޢީދު ބަންދު ތެރޭގައި މީހުން ގިނަ އަދަދަކަށް އެއްވެ އުޅޭ ކުޅިވަރުތަކާއި، ކޮންސަރޓްތައް އަދި ކައިވެނީގެ ޕާޓީތައް ބޭއްވުންވެސް ވަގުތީ ގޮތުން މަނާކޮށްފައެވެ. އަދި ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން، މިސްކިތްތަކަށް ނަމާދަށް ވަންނައިރު އައިޑީ ކާޑު ޗެކްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.