އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ މަތީ އެއް މަސްއޫލުވެރިޔާ އަލީ ލާރިޖާނީ އަވަހާރަކޮށްލި ނަމަވެސް، އެ ގައުމުގެ ސަރުކާރުގެ ހިންގުމަށް އެއްވެސް ގުޑުމެއް ނާންނާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު (18 މާރިޗު 2026) ''އަލްޖަޒީރާ''އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި އަރަގްޗީ ވިދާޅުވީ، ލާރިޖާނީ އަވަހާރަކޮށްލުމަކީ ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއެޅޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި އަމަލުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަރުގަދަ އަދި "ނިންމުންތެރި" ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

Ad
rt

ފެބުރުވަރީ 28 ގައި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، ދައުލަތުގެ މައި ސޫރައެއްގެ ގޮތުގައި ފާހަގަކުރެވުނު ލާރިޖާނީ ނެތް ނަމަވެސް، ތެހެރާނުގެ ހަމަޖެހުން ދެމެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަރަގްޗީ ވިދާޅުވި ގޮތުގައި އިސްލާމީ ޖުމްހޫރިއްޔާގެ ބާރުގެ އޮނިގަނޑު އަދިވެސް އޮތީ ބަދަހިކޮށެވެ.

ދައުލަތުގެ އޮނިގަނޑުގެ ބަދަހިކަންޚާރިޖީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި އީރާނު ސަރުކާރު ބިނާވެފައިވަނީ ވަކިވަކި ފަރުދުންގެ މައްޗަކަށް ނޫނެވެ. އެއީ ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ގާއިމުކުރެވިފައިވާ ވަރުގަދަ މުއައްސަސާތަކެއްގެ މައްޗަށް އޮތް ނިޒާމެއް ކަމަށާއި، ވަކި މީހަކު ހުރުމަކުން ނުވަތަ ނެތުމަކުން ދައުލަތުގެ ހިންގުމަށް ބުރޫނާރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އަދި މި ހަނގުރާމައިގެ ފަހަތުގައިވާ އެމެރިކާއާއި އިސްރާއީލަށް، އީރާނުގެ ދައުލަތުގެ ތަބީއަތް ރަނގަޅަށް ވިސްނިފައި ނުވާ ކަމަށް އަރަގްޗީ ވިދާޅުވިއެވެ.

ފެށިފައިވާ "ނިންމުންތެރި" ބަދަލުހިފުން

އީރާނުގެ އަސްކަރިއްޔާގެ ވެރިޔާ އަމީރު ހާތަމީ ވިދާޅުވި ފަދަ ވަރުގަދަ ރައްދު ހަމަލާތައް މިހާރު ވަނީ ފެންނަން ފަށާފައެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ވަނީ އިސްރާއީލުގެ ތަލްއަބީބަށާއި މެދުތެރޭގެ ސަރަހައްދުތަކަށް 100 އަށްވުރެ ގިނަ މިސައިލް އުދުއްސާލާފައެވެ. މި ހަމަލާތަކުގައި ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމަށްޓަކައި، ކްލަސްޓާ ވޯހެޑް ހަރުކޮށްފައިވާ "ޚުރަމްޝަހަރު 4" އަދި "ގަދަރު" މަރުކާގެ މިސައިލް ބޭނުންކޮށްފައިވެއެވެ.

މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ރިޔާޒުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށާއި، ކުވެއިތު އަދި ޔޫއޭއީގެ ބައެއް ސަރަހައްދުތަކަށް ވެސް އީރާނުގެ ޑްރޯންތަކާއި މިސައިލް ހަމަލާތައް އަމާޒުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިސްރާއީލުގެ ރަމަތު ގާން އިން މިހާތަނަށް ދެ މީހަކު މަރުވެފައިވާއިރު، ބަނީ ބްރަކް އަދި ޕެޓާ ތިކްވާ ފަދަ ސިޓީތަކަށް އޮއްސާލި ކުދި ބޮންތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ސްޓްރެޓީޖިކް ހާލަތުއިއްޔެ ތެހެރާނުގެ ފަރުދީސް އަވަށުގައި އަލީ ލާރިޖާނީއާއި އޭނާގެ ދަރިފުޅު މުރުތަޟާގެ އިތުރުން، ބަސީޖްގެ ވެރިޔާ ޣުލާމްރިޒާ ސުލައިމާނީ އަވަހާރަކޮށްލުމަކީ، "އޮޕަރޭޝަން ރޯރިންގ ލަޔަން" ފެށުނު ފަހުން އީރާނުގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ލާރިޖާނީއަކީ އީރާނުގެ ހަނގުރާމައިގެ ސްޓްރެޓީޖީ ރޭވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅާއެވެ.