ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ރޭ ނިންމާލާފައިވާ ކަމަށާއި، މި އަހަރު 113،382 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ މި އަހަރުގެ ރަމަޟާން މަހު ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ކުރިއަށް ދިޔަ ގޮތުގެ ތަފްސީލު މީޑިއާތަކާއި ހިއްސާކުރައްވާފަ އެވެ.
"ރަމަޟާން މަސް ފެށެންވާއިރަށް މަސްދަޅު ކޭސް ތައް ފޮނުވާ ނިމުނު އަތޮޅުތަކަށް ވެސް . ރޭގެ ނިޔަކަށް މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ނިންމާލަފައިވާއިރު މާލޭ ސަރަޙައްދުން ދޫކުރެވިފައިވަނީ 55,667 މަސްދަޅު ކޭސް، އަތޮޅުތަކުގެ ގޭބިސީތަކަށް ބެހުމަށް ފޮނުވިފައިވަނީ، 57,715 މަސްދަޅު ކޭސް، އެއާއެކު މުޅި ޖުމްލަ 113,382 މަސްދަޅު ކޭސް ދޫކޮށްފައިވޭ." އިތުރު ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވި އެވެ.
ފާއިތުވި ދެ އަހަރުގެ ތަސާސްހިސާބުތައް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ ރޯދަ ހަދިޔާގެ ގޮތުގައި މި ދިޔަ އަހަރު އަތޮޅުތަކުގެ ގޭބިސީތަކަށް ބެހުމަށް 60,712 ކޭސް ފޮނުވިފައި ވިޔަސް، މި އަހަރު އަތޮޅުތަކަށް ފޮނުވަން ޖެހުނީ 57,715 ކޭސް ކަމަށެވެ. އެއީ 2,997ގެ މަދުވުމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން މި ދިޔަ އަހަރު މާލޭ ސަރަޙައްދަށް ދޫކުރެވިފައިވަނީ 50,525 ކޭސް ކަމަށް ވިޔަސް، މި އަހަރު ދޫކުރެވިފައި ވަނީ 55,667 ކޭސް ކަން ފާހަގަކުރައްވަމުން މިއީ 5142 ކޭހުގެ އިތުރުވުމެއް ކަމަށް ވިދާޅުވި އެވެ.
1446 ވަނަ އަހަރު ރޯދަ ހަދިޔާގެ ގޮތުގައި މުޅި ރާއްޖެއަށް ދޫކުރެވުނީ 111، 237 މަސްދަޅު ކޭހެވެ. މި އަހަރު އެ ޢަދަދުވަނީ 113،382އަށް އަރާފައެވެ. މިއީ 2،145 ކޭހުގެ އިތުރު ވުމެކެވެ. މިއީ ރޯދަ ހަދިޔާ ޕްރޮގްރާމް ހިންގާ ތިން ވަނަ އަހަރެވެ. މި ދިޔަ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް ސަރުކާރުން ދޫކޮށްފައިވަނީ ދިވެހި ކޮންމެ ޢާއިލާއަކަށް 48 ދަޅުގެ މަސްކޭހެކެވެ.
ދިވެހި ގޭބިސީތަކަށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފައިވާ ރޯދަ ހަދިޔާ، ދޫކުރާނެ ގޭބިސީތައް އަތޮޅުތެރޭގެ ރަށްރަށުގައި ކަނޑައަޅައި އެ ލިސްޓްތައް ތައްޔާރު ކޮސްފައިވަނީ ކައުންސިލު އިދާރާތަކުން ނެވެ.
މާލޭ ސަރަޙައްދުގައި ގޭބިސީތައް ދެނެގަތުމަށް ޓަކައި އަސާސީ މަސްދަރެއްގެ ގޮތުގައި ބަލާފައިވަނީ، ސްޓެލްކޯގެ ޑޮމެސްޓިކް ކަރަންޓް މީޓަރެވެ. މި އަހަރުގެ ރޯދަ ހަދިޔާ ޢާންމުކޮށް ބެހުމުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2މިއަހަރުގެ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!