ތެލާއި ފެން އެކު ނުވާނެކަމަށް ވިދާޅުވެ ޕީއެންސީގެ ފިކުރަކީ ތަރައްގީގެ ފިކުރުކަމަށާއި އެމްޑީޕީން އުޅެނީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީއަށް ހުރަސްއެޅުމަށް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ހެންވޭރު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ޕީއެންސީން މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރުގައި ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށްޓަކައި ކަމަށެވެ.

Ad
rt

މި ތަރައްގީ ގެނައުމުގައި ކައުންސިލުތަކުގެ ދައުރު ބޮޑު ކަމަށާއި ސަރުކާރަށް ކައުންސިލުތައް ބޭނުންވަނީ މި ސަބަބާ ހުރެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

އިދިކޮޅު ފިކުރުގެ ތަރައްގީއާ ދުރު ވިސްނުން ގެންގުޅޭ ބަޔަކު ކައުންސިލުތަކަށް އިންތިހާބު ކޮށްފިނަމަ ތަރައްގީގެ ދުވެލި ލަސް ވެގެން ދާނޭކަން ފާހަގަކުރައްވަމުން ގައުމަށް ބޭނުންވާ ތަރައްގީ ގެނައުމުގައި އެންމެ ދުވަހެއް ވެސް ލަސް ކުރެވެން ނެތް ކަމަށް ވަޒީރު ވިދާޅުވި އެވެ.

"އެންމެންނަށް ވެސް އެނގޭނެ ބޮޑު ހަގީގަތެއް މިއީ ތެލާއި ފެން އެކެއް ނުވާނެ. ތަރައްގީއަށް މަސައްކަތް ކުރާ ބަޔަކު ތަރައްގީއަށް ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އެތަނަށް އެހެން ބަޔަކު ވަދެ ގަޑުބަޑުކުރާނަމަ ތަރައްގީއަށް ހުރަސް އެޅޭނެ . އެ ސަބަބާ ހުރެ ކައުންސިލުިގެ މެޖޯރިޓީ ތަރައްގީގެ ފިކުރަށް ވާންޖެހެނީ. ރައްޔިތުންގެ އަރިހުން އެދެނީ ރައީސްއާއި މަޖިލީހަށް އިތުބާރު ކުރި ފަދައިން ކައުންސިލަރުންނަށް ވެސް އިތުބާރުކޮށް ވޯޓު ދޭށޭ. މި ދާއިރާއިން އައިފާން ހޯއްދެވި ކާމިޔާބީ ހޯދާށޭ. " ވަޒީރު ވިދާޅުވި އެވެ.

ރައީސް މުއިއްޒަކީ ރައްޔިތުންގެ ރައީސްކަމަށާއި އެމަނިކުފާނު ގެންދަވަނީ ރާއްޖެއަށް ހުރިހާ ދާއިރާއަކުން ވެސް އިންގިލާބީ ބަދަލުތަކެއް ގެންނަމުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ސިޔާސީ މައިދާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަބަލުން ސާޖިދާ މުޙައްމަދު، ކަނބަލުންނަށް ނަމުނާ ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ ސިޔާސީ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައި ވެސް އެކަމަނާ ނަމޫނާ އަކަށް ބެލުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.