އިނގިރޭސިވިލާތުގެ މިސްކިތްތަކާއި އިސްލާމީ ތަޢުލީމީ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި 40 މިލިއަން ޕައުންޑާ ހަމައަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މި ނިންމުން އިޢުލާންކޮށްފައިވަނީ މެންޗެސްޓަރ ސެންޓްރަލް މިސްކިތުގައި ހިނގާދިޔަ ނުރައްކާތެރި ހާދިސާއަކާ ގުޅިގެން، މުސްލިމް މުޖުތަމަޢުގެ ރައްކާތެރިކަމާ މެދު އުފެދުނު ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

Ad
rt

މެންޗެސްޓަރގެ ވިކްޓޯރިއާ ޕާކް ސަރަހައްދުގައި ހުންނަ އެ މިސްކިތުގައި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ 24 ފެބުރުވަރީ 2026 ވީ އަންގާރަ ދުވަހުގެ ރޭ، ތަރާވީޙް ނަމާދު ވަގުތުގައެވެ. ރޭގަނޑު ގާތްގަނޑަކަށް 8:40 ހާއިރު، ޝައްކުކުރެވޭ ކޮތަޅެއް ހިފައިގެން މިސްކިތަށް ވަތް އުމުރުން 50 އަހަރުގެ ދޮން ނަސްލުގެ މީހަކު، މިސްކިތުގެ ވޮލަންޓިއަރުންގެ ހުޝިޔާރުކަމާއެކު ވަނީ ހިފަހައްޓާފައެވެ. ފުލުހުން އޭނާ ބަލައި ފާސްކުރިއިރު، އޭނާގެ އަތުން ވަޅިއަކާއި، ކޯރާޑިއަކާއި، މަރުތޭލައެއް އިތުރުން މަސްތުވާތަކެތި ފެނިފައިވެއެވެ.

މި ހާދިސާގައި ދެވަނަ މީހަކު ބައިވެރިވި ކަމަށް ރިޕޯޓުކޮށްފައިވާއިރު، އެއީ އުމުރުން 40 އަހަރުގެ ކަޅު ނަސްލުގެ މީހެކެވެ. ނަމަވެސް ފުލުހުން އައުމުގެ ކުރިން އޭނާ ވަނީ އެ ސަރަހައްދުން ފިލާފައެވެ. ، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އިނގިރޭސި ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ މި ހާދިސާއާ ގުޅިގެން ވިދާޅުވީ، ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި ވޮލަންޓިއަރުން ދެއްވި އަވަސް އިޖާބައަށްޓަކައި އިޚްލާޞްތެރި ޝުކުރު ދަންނަވާ ކަމަށެވެ.

"މިސްކިތްތަކާއި، އިސްލާމީ ތަޢުލީމީ މަރުކަޒުތަކުގެ އިތުރުން މުޖުތަމަޢުގެ އެކި މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު ވާނީ 40 މިލިއަން ޕައުންޑާ ހަމައަށް ފައިސާގެ އެހީތެރިކަން ހަމަޖައްސާފަ. އަދި ހުރިހާ މުޖުތަމަޢުތަކަކީވެސް ބިރުވެރިކަމެއް ނެތި، އަމާންކަމާއެކު ދިރިއުޅެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި އަޅުގަނޑުމެން މެދުނުކެނޑި މަސައްކަތް ކުރަމުންދާނެކަމުގެ ޔަޤީންކަން އަރުވަން،" ބޮޑުވަޒީރު ވިދާޅުވިއެވެ.

ޚާއްޞަކޮށް މުސްލިމުންގެ މުޤައްދަސް މަހެއް ކަމަށްވާ ރަމަޟާން މަހުގެ އަމާން ވަގުތެއްގައި މިފަދަ ކަމެއް ހިނގުމަކީ މުޅި މުޖުތަމައަށް ލިބުނު ބޮޑު ސިހުމެއްގެ ގޮތުގައި ބޮޑުވަޒީރު ސިފަކުރެއްވިއެވެ.

ގްރޭޓަރ މެންޗެސްޓަރ ޕޮލިސް (ޖީ.އެމް.ޕީ) އިން ބުނެފައިވަނީ، މި ހާދިސާއަކީ ޓެރަރިޒަމާ ގުޅުންހުރި ކަމެއް ކަމަށް އަދި ބެލެވެން ނެތް ނަމަވެސް، ކައުންޓަރ ޓެރަރިޒަމް ޔުނިޓާ ގުޅިގެން މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. މުޖުތަމައުގެ ސަލާމަތަށްޓަކައި މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ފުލުހުންގެ ހަރަކާތްތައް މިހާރު ވަނީ އިތުރުކޮށްފައެވެ.

މިސްކިތުގެ އިދާރާއިން ވަނީ ނަމާދުކުރާ ހުރިހާ މީހުންވެސް މި ދުވަސްވަރު ސަމާލުވުމަށާއި، އެކަނި ދަތުރުފަތުރު ނުކުރުމަށާއި، ކުޑަކުދިންނަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.