އަބޫދާބީގެ ނައިބު ވެރިޔާ އަދި ޔޫއޭއީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝައިޚް ތަހުނޫން ބިން ޒައިދު އަލް ނަހްޔާން ބަލައިގަތުމަށް ރިޔާޟުން ދެކޮޅުހެދި ކަމަށް ބުނެ ފެތުރެމުންދާ ރިޕޯޓްތައް ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް މީޑިއާ ސަލްމާން އަލް ދޯސަރީ ކަނޑައެޅިގެން ދޮގުކުރައްވައިފިއެވެ.

Ad
rt

އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި އަލް ދޯސަރީ ވިދާޅުވީ ޝައިޚް ތަހުނޫން ކުރައްވަން އުޅުއްވި ޒިޔާރަތަކަށް ސައުދީން ދެކޮޅުހެދި ކަމަށް ބުނާ ރިޕޯޓްތަކަކީ "ކަނޑައެޅިގެން ދޮގު" ވާހަކަތަކެއް ކަމަށެވެ.

"ޝައިޚް ތަހުނޫން ބިން ޒައިދު ބޭނުންފުޅު ކޮންމެ ވަގުތަކު ހުއްދައަކާ ނުލައި ސައުދީއަށް ވަޑައިގެންނެވޭނެ. ސައުދީ އަރަބިއްޔާއަކީ އެމަނިކުފާނުގެ ގެކޮޅު، އަދި މި ގައުމުގެ ލީޑަރޝިޕަކީ އެމަނިކުފާނުގެ އާއިލާ،" އަލް ދޯސަރީ ލިޔުއްވާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ސައުދީ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން ހޯމަ ދުވަހު ވިދާޅުވީ ސަރަހައްދީ ހަމަޖެހުމަށްޓަކައި ޔޫއޭއީއާއެކު އޮންނަ ގުޅުމަކީ ނުހަނު މުހިންމު ގުޅުމެއް ކަމަށެވެ. އަދި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ތެރޭގައި ޔޫއޭއީއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، އެ ގައުމާއެކު ބަދަހި ގުޅުމެއް ދެމެހެއްޓުމަށް ސައުދީން ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޔަމަނުގެ މައްސަލައިގައި އޮތް ޚިޔާލުތަފާތުވުންތައް

ދެ ގައުމުގެ ގުޅުން ބަދަހިކަމަށް ވިދާޅުވި ނަމަވެސް، ޕްރިންސް ފައިސަލް ވަނީ ޔަމަނާ ގުޅޭގޮތުން ޔޫއޭއީއާ ދެމެދު ޚިޔާލުތަފާތުވުންތަކެއް ހުރިކަން ހާމަކުރައްވާފައެވެ.

"ޔޫއޭއީން ވަނީ ޔަމަނުން ފޭބުމަށް ނިންމާފައި. އެކަން އެގޮތަށް އޮވެ، އެ ގައުމުން ފުރިހަމައަށް ފައިބައިފިނަމަ، އެތަނުގެ ޒިންމާ ސައުދީން ނަގާނެ،" އޭނާ ވިދާޅުވިއެވެ.

މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސައުދީ އަރަބިއްޔާއާއި ޔޫއޭއީގެ ގުޅުމަށް ނުތަނަވަސްކަން އައިސްފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު، ޔޫއޭއީގެ ތާއީދު އޮންނަ ސަަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ) އިން ޔަމަނުގެ ދެކުނުގެ ޕްރޮވިންސްތަކުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ނެގުމާ ގުޅިގެންނެވެ.

މި ހާދިސާއާ ގުޅިގެން ސައުދީ އަރަބިއްޔާ އިސްވެ އޮންނަ އަރަބި ކޯލިޝަން ފޯސްއިން ވަނީ އެސްޓީސީގެ މަގާމުތަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ. އޭގެ ފަހުން ޔޫއޭއީން ވަނީ ޔަމަނުގައި ތިބި އެ ގައުމުގެ ކައުންޓަރ-ޓެރަރިޒަމް ފައުޖުތަކުގެ ބާކީ ތިބި ސިފައިން އެ ގައުމުން ބާލާފައެވެ.