އިންޑިއާގެ ވެސްޓް ބެންގޯލް ސްޓޭޓްގެ ވެރިރަށް ކޮލްކަޓާ ކައިރިން ނުރައްކާތެރި ނިޕާ ވައިރަސް ޖެހިފައިވާ ފަސް މީހަކު ފެނުމާ ގުޅިގެން، އެ ސަރަހައްދުގެ ސިއްހީ އިދާރާތައް ހައި އެލާޓަށް ގެނެސްފިއެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުއްލި ފިޔަވަޅުތަކެއް އަޅަމުންނެވެ.

Ad
rt

މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ބަރަސާތުގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުންދިޔަ ދެ ނަރުހެއްގެ ހަށިގަނޑުންނެވެ. އޭގެ ފަހުން، އިތުރު ޑޮކްޓަރަކާއި ނަރުހެއްގެ އިތުރުން ސިއްހީ އެހީތެރިއަކަށް މި ވައިރަސް ޖެހިފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ. މި ބަލިމީހުން މިހާރު ވަނީ އިރުމަތީ ކޮލްކަޓާގެ ބެލެގާޓާގައި ހުންނަ އިންފެކްޝަސް ޑިޒީޒް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

ސިއްހީ އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި، ފުރަތަމަ ބަލިޖެހުނު ދެ ނަރުހުން އަދިވެސް އޮތީ އައިސީޔޫގައެވެ. އޭގެ ތެރެއިން ފިރިހެން ނަރުހުގެ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، އަންހެން ނަރުސް އޮތީ ކޯމާއެއްގައި ވަރަށް ސީރިއަސް ހާލަތެއްގައެވެ. މިހާތަނަށް މި ބަލިމީހުންނާ ކޮންޓެކްޓްވި 180 އެއްހާ މީހުން ދެނެގަނެވިފައިވާއިރު، އޭގެ ތެރެއިން 20 މީހަކު ވަނީ ކަރަންޓީނުކޮށްފައެވެ.

ނިޕާ ވައިރަހަކީ ޖަނަވާރުގެ ފަރާތުން އިންސާނުންނަށް އަދި ބަލިޖެހިފައިވާ އިންސާނުންގެ ފަރާތުން އެހެން މީހުންނަށް ފެތުރޭ، މަރުވުމުގެ ފުރުސަތު 75 އިންސައްތައަށް އޮތް ނުރައްކާތެރި ބައްޔެކެވެ. މި ބައްޔަށް މިހާތަނަށް އެއްވެސް ވެކްސިނެއް ނުވަތަ ވަކި ހާއްސަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އެމެރިކާގެ ސީޑީސީން ބުނާ ގޮތުގައި، މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ބޮލުގައި ރިއްސުމާއި، ބޯ އަނބުރުމާއި، ނޭވާލާ ނިޒާމަށް މައްސަލަ ދިމާވުން ހިމެނެއެވެ.

މިއީ 2018 ވަނަ އަހަރުގެ ފަހުން އިންޑިއާގައި މި ވައިރަސް ފެތުރޭކަން ފާހަގަވި ފަސްވަނަ ފަހަރެވެ. އެންމެ ފުރަތަމަ އިންޑިއާއިން މި ބަލި ފެނުނީ 2001 ވަނަ އަހަރު ވެސްޓް ބެންގޯލްގެ ސިލިގުރީންނެވެ. އޭގެ ފަހުން 2007 ވަނަ އަހަރުވެސް އެ ސްޓޭޓުން ބަލި ފެނިފައިވެއެވެ. އެ ދެ ފަހަރު ޖުމްލަ 70 މީހުންނަށް ބަލިޖެހި 50 މީހުން މަރުވިއެވެ. އެންމެ ފަހުން 2023 ވަނަ އަހަރު ކެރަލާގައި ބަލި ފެތުރުނު އިރުވެސް ދެ މީހަކު ވަނީ މަރުވެފައެވެ.

މި ހާލަތާ ގުޅިގެން އަވަށްޓެރި ތައިލެންޑުން ވެސް ވަނީ އެ ގައުމުގެ ބައިނަލްއަގުވާމީ އެއާޕޯޓްތަކުގައި ސިއްހީ ސްކްރީނިން ވަރުގަދަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

ނިޕާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ 1998 އާއި 1999 އާ ދެމެދު މެލޭޝިއާއިންނެވެ. އެފަހަރު 300 މީހަކަށް ވައިރަސް ޖެހި އޭގެ ތެރެއިން 100 މީހަކު ވަނީ މަރުވެފައެވެ.

ސައިންސްވެރިން ބުނާގޮތުގައި މި ވައިރަސް އުފުލާ ޖަނަވާރުތަކުގެ ތެރެއިން އެންމެ ގިނައިން ވައިރަސް އުފުލާ ކަމަށް ފާހަގަ ވެފައި ވަނީ އޫރެވެ. މި އިން ކޮންމެ ހާދިސާއެއްގައި ވެސް އޫރުން ވައިރަސް ފެނިފައި ވެއެވެ. މެލޭޝިއާއިން ވައިރަސް ފެނުނު ފަހަރު މިލިއަނެއްހާ އޫރު ވަނީ މަރާވެސް ލާފައެވެ. ދެން މި ވައިރަސް ފެންނަނީ، އުފުހޭ ކުދި ވާލުންނެވެ.

ނަމަވެސް މިހާރު ވައިރަސް ފެނިގެން އުޅޭ ވެސްޓް ބަންގާލް އަކީ ދިވެހިން އާންމުކޮށް ގޮސް އުޅޭ ޑިސްޓްރިކްޓެއް ނޫނެވެ.