ކޮވިޑް-19 ގެ ބަލިމަޑުކަން މެނޭޖުކުރުމުގައި އދ. ގެ ސިއްހީ އިދާރާ ނުކުޅެދިފައިވާ ކަމަށް ބުނެ، އެމެރިކާއިން ރަސްމީކޮށް ބުރާސްފަތި ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަކިވެއްޖެއެވެ.

މިއީ މިގޮތަށް އަމަލުކުރުމުން އެމެރިކާ އާއި މުޅި ދުނިޔޭގެ އާންމު ސިއްހަތަށް ގެއްލުންވާނެ ކަމުގެ އިންޒާރުތައް ދެމުންދާތާ އަހަރެއް ފަހުން ނިންމި ނިންމުމެކެވެ.

Ad
rt

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 2025 ވަނަ އަހަރު އޭނާގެ ރިޔާސީ ދައުރުގެ ފުރަތަމަ ދުވަހު، ރިޔާސީ ގަރާރެއްގެ ދަށުން އެމެރިކާ އެ ޖަމިއްޔާއިން ވަކިވާނެކަން އަންގަވާފައެވެ.

އެމެރިކާގެ ހެލްތު އެންޑް ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން ޑަބްލިއު.އެޗް.އޯ އާއެކު ދެން މަސައްކަތް ކުރާނީ ވަކިވުމުގެ ކަންކަން ފުރިހަމަކުރުމަށްޓަކައި ވަރަށް މަދު މިންވަރަކަށް ކަމަށެވެ.

"އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވުމުގެ އެއްވެސް ރޭވުމެއް އަދި އަލުން ގުޅުމުގެ އެއްވެސް ވިސްނުމެއް އަހަރެމެންގެ ނެތް" އެމެރިކާގެ ސަރުކާރުގެ ސިއްހީ ދާއިރާގެ އިސް އޮފިޝަލަކު ވިދާޅުވެފަވެއެވެ.

އެމެރިކާއިން ބުނީ ބަލިތައް މޮނިޓަރު ކުރުމާއި އާންމު ސިއްހަތުގެ އެހެނިހެން އިސްކަންދޭ ކަންކަމުގައި ބައިނަލްއަގުވާމީ ޖަމިއްޔާއެއް މެދުވެރިކުރުމުގެ ބަދަލުގައި، ސީދާ އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް ރާވަމުންދާ ކަމަށެވެ.

އެމެރިކާގެ ގާނޫނު ބުނާގޮތުން، ޑަބްލިޔުއުއެޗްއޯއިން ވަކިވުމުގެ ކުރިން އެއް އަހަރު ދުވަހުގެ ނޯޓިސް ދޭންޖެހޭނެއެވެ. އަދި ދައްކަންޖެހޭ ހުރިހާ ފީއެއް - ގާތްގަނޑަކަށް 260 މިލިއަން ޑޮލަރު - ދައްކާ ހަލާސްކުރަން ޖެހެއެވެ. ނަމަވެސް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު ވަނީ ވަކިވުމުގެ ކުރިން އެއްވެސް ފައިސާއެއް ދައްކަންޖެހޭނެ ކަމަށް ބުނާ މާއްދާއާ މެދު ދެބަސްވެފައެވެ.

"އެމެރިކާގެ ރައްޔިތުން މިހާރުވެސް ވަނީ ފުދޭވަރަށްވުރެ ގިނައިން ފައިސާ ދައްކާފައި،" ބުރާސްފަތި ދުވަހުގެ ކުރީކޮޅު ފޮނުވި އީމެއިލެއްގައި ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، ޖެނީވާގައި ހުންނަ ޑަބްލިއު.އެޗް.އޯ ގެ މައި މަރުކަޒުގެ ބޭރުގައި ހުރި އެމެރިކާގެ ދިދަ ބުރާސްފަތި ދުވަހު ވަނީ ބާލާފައެވެ.

ފަހަކަށް އައިސް އެމެރިކާއިން ދަނީ އދ. ގެ އެހެން ބައެއް އިދާރާތަކުން ވެސް ވަކިވަމުންނެވެ. އަދި ޓްރަމްޕް އަލަށް އުފެއްދެވި "ބޯޑް އޮފް ޕީސް" ގެ ސަބަބުން މުޅި އދ. އަށް ބުރޫއަރާފާނެ ކަމުގެ ބިރު ބައެއް ފަރާތްތަކުން ފާޅުކުރެއެވެ.

ޑަބްލިއު.އެޗް.އޯ އަށް ފާޑުކިޔާ ބައެއް ފަރާތްތަކުން އެ ޖަމިއްޔާގެ ބަދަލުގައި އާ އިދާރާއެއް އުފެއްދުމަށް ހުށަހަޅާފައިވީ ނަމަވެސް، މިދިޔަ އަހަރު ޓްރަމްޕްގެ ސަރުކާރުން މުރާޖައާކުރި ލިޔުމެއްގައި ލަފާދީފައިވަނީ ޑަބްލިއު.އެޗް.އޯ އިސްލާހުކޮށް، އެތަނުގައި އެމެރިކާގެ އިސް ދައުރެއް އޮތުމަށް ބާރުއެޅުމަށެވެ.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ދުނިޔޭގެ ސިއްހީ ދާއިރާގެ ގިނަ މާހިރުން ވަނީ މި ނިންމުން އަލުން މުރާޖައާ ކުރުމަށް ގޮވާލާފައެވެ. އޭގެ ތެރޭގައި އެންމެ ފަހުން ޑަބްލިއު.އެޗް.އޯ ގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ވެސް ހިމެނިވަޑައިގަންނަވައެވެ.

ޑަބްލިއު.އެޗް.އޯ އިން ބުނި ގޮތުގައި 2024 އަދި 2025 ވަނަ އަހަރަށް އެމެރިކާއިން ދައްކަންޖެހޭ ފީތައް އަދި ދައްކާފައެއް ނުވެއެވެ. އެމެރިކާ ވަކިވުމުގެ ކަންކަމާއި އެކަމާ މެދު އަމަލުކުރާނެ ގޮތަކާ ބެހޭގޮތުން ފެބްރުއަރީ މަހު ބާއްވާ ޑަބްލިއު.އެޗް.އޯ ގެ އެގްޒެކެޓިވް ބޯޑުގައި މެންބަރު ގައުމުތަކުން މަޝްވަރާކުރާނެ ކަމަށް އެ ޖަމިއްޔާގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހީ މަޝްރޫއުތަކަށާއި ޑަބްލިއު.އެޗް.އޯ ގެ ބައެއް މަސައްކަތްތަކަށް ބޮޑު އެހީއެއް ދޭ ގޭޓްސް ފައުންޑޭޝަންގެ ޗެއާމަން ބިލް ގޭޓްސް، ދާވޯސްގައި ވިދާޅުވީ، ކައިރި މުސްތަގުބަލެއްގައި އެމެރިކާއިން މި ނިންމުން ބަދަލުކުރާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށެވެ.

ނަމަވެސް، އެމެރިކާ އަލުން އެ ޖަމިއްޔާއާ ގުޅުމަށް ބާރުއަޅުއްވާނެ ކަމަށް ގޭޓްސް ވިދާޅުވިއެވެ.

"ދުނިޔެއަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ބޭނުންވޭ،" އޭނާ ވިދާޅުވިއެވެ.