އީރާނުގެ އިސް ލީޑަރު އަޔާތުﷲ އަލީ ޚާމަނާއީ މިއަދު ދެއްވި ތަޤުރީރެއްގައި، އެ ގައުމުގައި ފަހަކަށް އައިސް ހިނގަމުންދާ ހަމަނުޖެހުންތަކުގެ ފަހަތުގައި އޮތީ އެމެރިކާ ކަމަށް ވިދާޅުވެ، އެ ގައުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ޚާމަނާއީ ވިދާޅުވި ގޮތުގައި މި ފިތުނައަކީ އެމެރިކާ ރާވައިގެން ހިންގި ކަމެއްކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.

އިސްލާމީ ޖުމްހޫރިއްޔާގެ 40 އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާއަށް ބިނާކޮށް ވާހަކަދައްކަވަމުން ޚާމަނާއީ ވިދާޅުވީ، އެމެރިކާގެ އަސްލު އަމާޒަކީ އީރާނު ‘’ދިރުވާލުން’’ ކަމަށެވެ. އަދި އިންގިލާބުގެ ކުރީކޮޅުން ފެށިގެން އެމެރިކާއިން އީރާނުގެ މައްޗަށް ބާއްވަމުން އައި ބާރުވެރިކަން، ގައުމުގެ ޒުވާނުންނާއި ރައްޔިތުން ނުކުމެ ފުނޑުފުނޑުކޮށްލާފައިވާ ކަމަށާއި، އެމެރިކާއިން އަބަދުވެސް މަސައްކަތް ކުރަނީ އެ ބާރުވެރިކަން އަލުން އިއާދަކޮށް އީރާނަކީ އެމީހުންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ގައުމަކަށް ހެދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

"މިއީ އެމެރިކާގެ މިހާރުގެ ރައީސާ ގުޅުންހުރި ކަމެއް ނޫނެވެ، އަދި ކުރީގެ ރައީސާ ގުޅުންހުރި ކަމެއްވެސް ނޫނެވެ. މިއީ އެމެރިކާގެ ދާއިމީ ސިޔާސަތެވެ،" ޚާމަނާއީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި، އީރާނު ފަދަ ގާބިލުކަމާއި ބޮޑު އާބާދީއެއް އޮތް ގައުމަކުން ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުންދާ ދިއުމަކީ އެމެރިކާއަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ.

މިފަހަރުގެ ހަމަނުޖެހުންތަކާ ގުޅޭގޮތުން ޚާމަނާއީ ވިދާޅުވީ، މީގެ ކުރިން މިފަދަ ކަންކަމުގައި އެމެރިކާގެ ނޫސްވެރިން ނުވަތަ ދެވަނަ ދަރަޖައިގެ ސިޔާސީ މީހުން ބައިވެރިވި ނަމަވެސް، މިފަހަރު އެމެރިކާގެ ރައީސް އަމިއްލަފުޅަށް ސީދާ ގޮތުން ފިތުނަ އުފެއްދުމުގެ ތެރެއަށް ވެދެވަޑައިގެންފައިވާ ކަމަށެވެ. އެމެރިކާގެ ރައީސަކީ ކުށްވެރިއެއް ކަމުގައި ސިފަކުރައްވަމުން ޚާމަނާއީ ވިދާޅުވީ، އޭނާ ހަމަނުޖެހުން ހިންގާ މީހުންނަށް ހިތްވަރުދީ، އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

ޚާމަނާއީ ވަނީ ހަމަނުޖެހުން ހިންގާ ގްރޫޕްތަކަކީ އީރާނުގެ ރައްޔިތުން ކަމަށް އެމެރިކާގެ ރައީސް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ތަންތަނުގައި ހުޅުޖަހައި، މުދަލަށް ގެއްލުންދީ، މީހުން މަރަމުންދާ މީހުންނަކީ ރައްޔިތުން ކަމަށް ބުނުމަކީ އީރާނުގެ އުންމަތަށް އަމާޒުކުރި ބޮޑު އިތުރުފުޅެއް ކަމަށެވެ. އަދި މި ހަމަނުޖެހުންތަކަށް އެމެރިކާއާއި ޒަޔަނިސްޓް ރެޖީމުން އެހީތެރިކަން ފޯރުކޮށްދިން ކަމުގެ ހެކިތައް އީރާނުގެ އަތުގައި އެބަހުރި ކަމަށްވެސް ޚާމަނާއީ ވިދާޅުވިއެވެ.