ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ޚާއްޞަ ޖަލްސާއެއް ބާއްވަން އަންނަ ހޯމަ (މާދަމާ އަށް) ދުވަހަށް ތާވަލުކޮށްފިއެވެ.

މާދަމާ ހެނދުނު 9:00 ގައި ފަށާ މި ޖަލްސާގެ އެޖެންޑާ މިހާރު މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑްކޮށްފައިވާއިރު، މާދަމާގެ ޖަލްސާގައި ތިން ބިލެއް މަޖިލީހަށް ތަޢާރަފްކޮށް، އެ ބިލުތަކުގެ އިބުތިދާއީ ބަހުސްގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ނިންމާފައެވެ.

Ad
rt

އެ ބިލުތަކަކީ، ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިސްލާޙު ގެނައުމުގެ ބިލާއި އަދި ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ހުށަހަޅުއްވާފަައިވާ ޕެންޝަނާ ބެހޭ ޤާނޫނަށް އިސްލާހޙު ގެނައުމުގެ ބިލެވެ.

މީގެ އިތުރުން މި ޖަލްސާގައި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވަން ވަނީ ތާވަލުކޮށްފައެވެ.

މި ޖަލްސާގައި ކޮމެޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރެއިން ރީ -އެމްޕްލޯއިމަންޓުގެ ބިލު ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ވަނީ ހިމަނާފައެވެ. އެހެންކަމުން އެ ރިޕޯޓަށް ބަހުސް ކުރުމާއި، ބިލު ފާސްކުރަން ވޯޓަށް އެހުންވެސް މާދަމާގެ ޖަލްސާގައި ކުރިއަށް ގެންދާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނިންމައި، މެންބަރުން ޗުއްޓީއަށް ދިޔައީ މިދިޔަ ޑިސެންބަރު މަހުގެ ތިންވަނަ ދުވަހެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ކޮންމެ އަހަރަކު ވެސް އާ ދައުރު ފަށާނީ ފެބްރުވަރީ މަހެވެ.

މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް ގަވާއިދާ އެއްގޮތަށް ހުށަހެޅުމުން ދައުރުން ބޭރުން ޖަލްސާތައް ބާއްވަން ޖާގަލިބެއެވެ.