ސައުތު އީސްޓް އިންޑިއަން ރިޖް ސަރަހައްދަށް ރިކްޓަރ މިންގަނޑުން 6.0 ގެ ބާރުމިނުގައި ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ޖިއޮލޮޖިކަލް ރިސާޗާއި ހޯދުންތަކަށް، ޚާއްޞަކޮށް ބިންހެލުމުގެ މެކޭނިޒަމްތަކާ ގުޅޭގޮތުން މައުލޫމާތު ގެނެސްދޭ ‘’ކޭޑީ ކަލޫރާޗީ’’ އިން މި ބިންހެލުމުގެ މައުލޫމާތު ގެނެސްދެމުން ބުނެފައި ވަނީ، މި ބިންހެލުން ރެކޯޑް ކުރެވިފައިވަނީ ޖެނުއަރީ 1، 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު އިންޑިއާ ގަޑިން 06:53 (ޖީ.އެމް.ޓީ +6 ގަޑިން 07:53) ގައެވެ. މި ލޮޅުން އައިސްފައިވަނީ އިންޑިއާ ކަނޑުގެ ދެކުނުގެ އަޑީގައިވާ، ބިމުގެ ފަށަލަ ފެތުރެމުންދާ އަދި ބިންހެލުންތައް އާންމުކޮށް އަންނަ ސަރަހައްދަކަށެވެ.

Ad
rt

މި ބިންހެލުން އުފެދިފައިވަނީ ކަނޑުގެ އަޑިން ގާތްގަނޑަކަށް 10 އާއި 12 ކިލޯމީޓަރާ ދެމެދުގެ ތިލަ ފުންމިނެއްގައެވެ. ބިންހެލުމުގެ މަރުކަޒު ހުރީ އޮސްޓްރޭލިއާގެ ޕްލޭޓާއި އެންޓާކްޓިކް ޕްލޭޓް ވަކިކޮށްދޭ ސައުތު އީސްޓް އިންޑިއަން ރިޖްގައެވެ. މިއީ އަހަރަކު ގާތްގަނޑަކަށް 65 މިލިމީޓަރުގެ ބާރުމިނުގައި ބިމުގެ ފަށަލަ ފެތުރެމުންދާ ސަރަހައްދަކަށް ވާތީ، މިފަދަ ބާރުގަދަ ލޮޅުންތައް މި ސަރަހައްދަށް އާންމުކޮށް އާދެއެވެ.

މި ހާދިސާ ހިނގި ސަރަހައްދަކީ އިންސާނުން ދިރިއުޅޭ އެއްވެސް ރަށަކާ އެތައް ސަތޭކަ ކިލޯމީޓަރެއް ދުރުގައިވާ ތަނަކަށް ވުމުން، އެއްވެސް އާބާދީއަކަށް މީގެ އަސަރެއް ކޮށްފައެއް ނުވެއެވެ. އަދި ބިންހެލުން އައިސްފައިވަނީ ކަނޑުގެ ވަރަށް ދުރު ސަރަހައްދަކަށް ކަމުން، އެއްވެސް އެއްގަމު ސަރަހައްދަކަށް މި ލޮޅުން އިހުސާސް ކުރެވިފައެއް ނުވެއެވެ.

ބިންހެލުމުގެ ބާރުމިނަށާއި އުފެދުނު ގޮތަށް ބަލާއިރު، މީގެ ސަބަބުން ސުނާމީއެއް އުފެދުމުގެ ފުރުސަތެއް ނެތެވެ. އެހެންކަމުން އިންޑިއާ ކަނޑުގެ ގައުމުތަކަށް އެއްވެސް ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ. މި ހާދިސާގެ ސަބަބުން އޮސްޓްރޭލިއާ، އިންޑޮނޭޝިއާ ނުވަތަ އިންޑިއާ ކަނޑުގެ އެހެން ޖަޒީރާ ރަށްތަކަށް އެއްވެސް ނުރައްކަލެއް ނެތެވެ.

ދުނިޔޭގެ ބިންހެލުންތައް މޮނިޓަރ ކުރާ ނެޓްވޯކްތަކުން ދަނީ މި ސަރަހައްދަށް އަތުވެދާނެ އިތުރު ލޮޅުންތައް ބަލަމުންނެވެ.