ފަސް އަހަރުގެ ލޯފަން ކުއްޖަކު ރޭޑިއޯ އަޑުއަހައިގެން ޤުރުއާން އެކީ ހިތުދަސްކޮށްފިއެވެ.
ޖިއްދާއަށް އުފަން ހުސައިން މުޙައްމަދު ތާރިޤް އަކީ އުފަންވިއިރުވެސް ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ ކުއްޖެކެވެ.
ހުސައިންގެ ބައްޕަ ތާރިޤް ބުނެފައިވަނީ ހުސައިން ވަރަށް ތުއްތު އިރު އެގެއަށް ރޭޑިއޯއެއް ގެނައީ ހުސައިންއަށް ޓީވީ ނުފެންނާތީ ކަމަށެވެ. އެރޭޑިއޯ އިން އަބަދުވެސް ޓިއުނުކޮށްފައި ހުންނާނީ ޤުރުއާން އަންނަ ރޭޑިއޯ ސްޓޭޝަންއެއް ކަމަށެވެ. އެއީ ހުސައިން ޤުރުއާން އަށް ލޯބިޖައްސުވާ ޤުރުއާން އަޑުއެހުމަށް އާދަ ކުރުމަށް ކަމަށް ހުސައިންގެ ބައްޕަ ތާރިޤް ބުނެފައިވެއެވެ.
ހުސައިން ޤުރުއާން ހިތުދަސް ކުރިގޮތް ކިޔައިދެމުން އެއިނާގެ ބައްޕަ ބުނެފައިވަނީ ރެޑިއޯ އަޑުއަހައިގެން ޤުރުއާން ހިތުދަސްކުރާކަން އެނގުނީ އެއާއިލާގެ ދިރިއުޅުން މަދީނާއަށް ބަދަލުވުމަށް ފަހު މަސްޖިދުލް ނަަބަވީއަށް ޒިޔާރަތް ކުރި ފަހަރެއްގައި ސޫރަތުލް ބަގަރާއެކީ ހިތުން ކިޔައިދިނުމުން ކަމަށެވެ. އެވަގުތު ލިބުނީ ކުއްލި ސިހުމެއްކަމަށް ހުސައިންގެ ބައްޕަ ބުނެފައިވެއެވެ.
އެވަގުތުން ފެށިގެން ހުސައިންއަށް ޤުރުއާން އެކީ ހިތުދަސްކޮށްދިނުމުގެ ޝައުގުވެރިކަން އުފެދުނުކަމަށް ބުނެފައިވެއެވެ. އަދި ތަޖުވީދުގެ ހަމަތަކަށް އަހުލުވެރިކުރުމަށް މަސްޖިދުލް ނަބަވީގައި ލޯފަން ކުދިންނަށް ޤުރުއާން ހިތުދަސްކޮށްދިނުމުގެ ކުލާސްތަކުގައިވެސް ބައިވެރިކުރަން ފެށިކަމަށް ބުނެފައިވެއެވެ.
ހުސެންގެ ބައްޕަ ތާރިޤް ބުނެފައިވަނީ އެއިނާގެ ދަރިފުޅުގެ މި ކާމިޔާބީ އާއިއެކު ލޮލަށް ނުފެނުމުގެ ސަބަބުން ކުރެވެމުން އައި ފިކުރު އެކީ ގޮސްފައިވާ ކަމަށެވެ. ހުސައިންގެ ލޮލުގެ ފެނުމުން މަޙުރޫމް ވެފައިވީނަމަވެސް މާތްﷲ އެއިނާއަށް އެދެއްވި ވަރުގަދަ ހަނދާނާއި އަޑުއެހުމުގެ ތޫނުފިލިގަމުގެ ސަބަބުން މާތްﷲ އަށް ހަމްދުކޮށް ޝުކުރު ކުރާކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!