ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބު އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމަވައި، އެކަން ރަސްމީކޮށް އިއުލާންކުރައްވައިފިއެވެ.

މި އިންތިޚާބަކީ ޖުމްލަ 226 ދާއިރާއަކުން، ކައުންސިލްތަކުގެ މެންބަރުންނާއި ޑަބްލިއުޑީސީގެ މެންބަރުން އިންތިޚާބުކުރާނެ އިންތިޚާބެކެވެ.

Ad
rt

އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރުމަށް ބޭނުންވާ 7,000 އަށްވުރެ ގިނަ އޮފިޝަލުން ހޯދުމަށް މިހާރުވަނީ އިޢުލާނުކޮށްފައެވެ. އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިމަހުގެ 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އީ-ފާސް މެދުވެރިކޮށް my.elections.gov ޕޯޓަލް އިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ޑަބްލިއުޑީސީގެ އިންތިޚާބު 2026ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވެސް އީސީން ވަނީ ޢިއުލާންކޮށްފައެވެ. މި މަގާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު jobs@elections.gov.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އިންތިޚާބުގެ މަސައްކަތްތަކަށް މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނެއެވެ.

އިންތިޚާބާ ދިމާކޮށް ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައިވެސް ދުރާލާ މުހިންމު މަސައްކަތްތަކެއް ކުރުމަށް އީސީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން، ރާއްޖޭގެ އާބާދީ ބޮޑެތި ސަރަޙައްދުތަކަށް ބަލައިގެން 12 އަތޮޅެއް ހިމެނޭހެން 36 ރަށަކަށް ކޮމިޝަންގެ ޓީމްތައް ގޮސްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ނޮވެމްބަރު އަދި ޑިސެމްބަރުމަހުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންތަކުގައި ވޯޓުލުމުގެ މުހިންމުކަމާއި، އިންތިޚާބާ ގުޅޭގޮތުން ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ. މި މަސައްކަތުގައި އިލެކްޝަންސް ކޮމިޝަންގެ އިތުރުން، މިނިވަން މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް ބައިވެރިވާނެއެވެ. މީގެ އިތުރުން މީޑީއާގެ އެކި ވަސީލަތްތައް މެދުވެރިކޮށްވެސް މަޢުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާނެކަމަށް ކޮމިޝަނުން ވިދާޅުވެއެވެ.

ކައުންސިލް އިންތިޚާބު ބާއްވަން ތައްޔާރުވަމުން އަންނައިރު، ކައުންސިލްތަކަށް ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ. އެގޮތުން އަތޮޅު ކައުންސިލްތައް އުވާލުމަށާއި، އާބާދީ ކުޑަ ރަށްރަށުގައި ތިބޭ ކައުންސިލަރުން މަދުކުރުމަށް ފާސްކޮށް، ގާނޫނުއަސާސީއާއި ކަމާ ގުޅުންހުރި ގާނޫނުތައް އިސްލާހުކޮށްފައެވެ.

މި އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ސިޔާސީ ޕާޓީތަކުން ވެސް ވަނީ ފަށާފައެވެ. ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހު ވަނީ ހުޅުވާލައިފައެވެ.