ފްރާންސްގެ މަޝްހޫރު މިޑްފީލްޑަރ ޕޯލް ޕޮގްބާ، ޑޯޕިން މައްސަލައަކާ ގުޅިގެން ދެ އަހަރަށްވުރެ ގިނަ ދުވަހު ފުޓްބޯޅަ ކުޅުމާ ދުރުގައި ހުރުމަށްފަހު، މިދިޔަ ހޮނިހިރު ދުވަހު އަލުން ކުޅުމަށް ނުކުމެ، އުފަލާއި ޝުކުރުވެރިކަން ފާޅުކޮށްފިއެވެ.
ޕޮގްބާ ބުނީ ޑޯޕިން މައްސަލައެއްގައި ދިމާވި ހުއްޓުމަށްފަހު، އަލުން ކުޅުމަށް ނުކުންނާނެކަމާމެދު އޭނާގެ ހިތްވަރު ގެއްލިފައިނުވާ ކަމަށެވެ. އޭނާ ވަނީ އެނބުރި ކުޅުމުގެ ތެރެއަށް އާދެވުމުން ޝުކުރުގެ ސަޖިދައެއް ޖަހާފައެވެ.
ޔުވެންޓަސް އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ މި ކުޅުންތެރިޔާ ޕޮގްބާ ލީގް 1 ގެ ކްލަބް މޮނާކޯއާ ހިލޭ ގުޅުނީ މިދިޔަ ޖޫން މަހުއެވެ. އޭނާ އެންމެ ފަހުން ވާދަވެރި މެޗެއް ކުޅެފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައެވެ.
ޓެސްޓޮސްޓެރޯން މިންވަރު މަތިކުރާ މަނާ މާއްދާއެއް ކަމަށްވާ DHEA އަށް ޕޮޒިޓިވް ވުމާ ގުޅިގެން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޕޮގްބާއަށް ވަނީ ހަތަރު އަހަރުގެ ސަސްޕެންސަނަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް އަށް އެޕީލް ކުރުމަށްފަހު، މި ސަސްޕެންޝަންގެ މުއްދަތު ވަނީ 18 މަހަށް ކުރުކޮށްފައެވެ.
އަލުން ކުޅުމަށް ނުކުތުމާ ގާތްވެފައި ހުއްޓާ 32 އަހަރުގެ މި ކުޅުންތެރިޔާ އަށް ވަނީ ފާއިތުވި މަހު ކަނާތު ފައިގެ ކުޑަހުޅަށް އަނިޔާއަކާ ވެސް ކުރިމަތިވެފައެވެ.
ރޯޒޯން ޕާކްގައި ރެންއަތުން މޮނާކޯ 4-1 އިން ބަލިވި މެޗުގެ 85 ވަނަ މިނެޓުގައި ޕޮގްބާ ކުޅެން އަރުވާފައިވާއިރު، އޭނާ މެޗަށް އެރުވުމާއެކު ކުޅިބަލަން ތިބި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށް، ޕޮގްބާއަށް ތަރުހީބުގެ އަތްތިލަބަޑިތަކުން މަރުޙަބާ ކިޔާފައެވެ.
"ފަހަތުން ތެދުވެ ތަރުހީބު ދިންތަން ފެނުމުން، އެހެން ކަމެއް ހިނގާނެކަމަށް އަހަރެން ހީއެއް ނުކުރަން، ދުނިޔޭގައި އަހަރެން އެންމެ ލޯބިވާ ކަމަކީ ފުޓްބޯޅަ ކުޅުން. އަލުން ފުޓްބޯޅަ ކުޅެވުމުން އަހަރެން މިހުރީ ހިތްހަމަޖެހިފަ." ޕޮގްބާ ނޫސްވެރިންނަށް ބުންޏެވެ.
ޕޮގްބާ އެނބުރި ކުޅުމުގެ ތެރެއަށް އައުމުން ސަޕޯޓަރުން ދިން ތަރުޙީބަށް ޝުކުރުވެރިކަމާއެކު ފެންކަޅިވެފައި، ފޮޓޯ: އަލްޖަޒީީރާ
"ނަމަވެސް، ފުރިހަމަ ފިޓްނަސްއަށް އެނބުރި އައުމަށް އަދި 90 މިނެޓަށް ކުޅެވޭ ވަރަށް ތައްޔާރުވުމަށް އަދިވެސް މަސައްކަތް ބޭނުންވޭ. މޮނާކޯގައި ރަނގަޅު ކުޅުމެއް ނުދެއްކިއްޖެނަމަ، ފްރާންސްގެ ގައުމީ ޓީމާ ދޭތެރޭ ހަނދާން ނައްތާލަން ޖެހިދާނެ. އަހަރެންގެ ކުޅުމަށް އަދި އަހަރެންގެ ގާބިލިއްޔަތަށް އަހަރެން ޔަގީން ކުރަން. އަދި އަހަރެންނަށް ގޯހެއް ހެދިފައިނުވާކަން އެނގޭ، އެއީ އަހަރެންގެ ކުށެއް ނޫންކަން އެނގޭތީ، ދުވަހަކުވެސް އުއްމީދު ގެއްލުވައެއްނުލަން'' ޕޮގްބާ ބުނެފަވެއެވެ.
ފްރާންސް ގައުމީ ޓީމަށް 91 މެޗު ކުޅެފައިވާ ޕޮގްބާ ވަނީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފްރާންސަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ނަމަވެސް، ކަކުލަށް އަދި ކުޑަކަޅުވާ މަސްގަނޑަށް ލިބުނު އަނިޔާތަކާއި ކަކުލުގެ އޮޕަރޭޝަންތަކުގެ ސަބަބުން އޭނާއަށް 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕްގައި ފްރާންސަށް ކުޅެވިފައެއް ނުވެއެވެ.
ޕޮގްބާގެ ދިރިއުޅުން
ފުޓްބޯޅައިގެ ދަނޑުމަތީގައި ކާމިޔާބު ލިބޭ ވަގުތު ޝުކުރުގެ ސަޖިދަޖަހާ ޕޮގްބާގެ ދިރިއުޅުމުގައި އިސްލާމްދީނަށް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ޕޮގްބާގެ މަންމަ މުސްލިމަކަށް ވިޔަސް، އޭނާ ބޮޑުވަމުން އައިއިރު އިސްލާމީ ތަރުބިއްޔަތެއް ލިބިފައެއް ނުވެއެވެ. އޭނާ އިސްލާމްދީނަށް ވަދެފައިވަނީ އުމުރުން 20 ގެ އަހަރުތަކުގެ ތެރޭގައި އޭނާގެ ދިރިއުޅުމުގެ ބައެއް ކަންކަމާ ސުވާލުކޮށް، މުސްލިމް ގާތް ރަހުމަތްތެރިންނާ ވާހަކަ ދެއްކުމަށް ފަހުގައެވެ. އެއްފަހަރަކު އެމީހުންނާ އެކު ނަމާދު ކުރި ވަގުތު، އޭނާއަށް "އިހުސާސްތައް ތަފާތުވި" ކަމަށާއި "ވަރަށް ހިތްހަމަޖެހުނު" ކަމަށް އޭނާ ބުނެފަވެއެވެ.
ޕޮގްބާ ވަނީ އިސްލާމްދީނަކީ އިހުތިރާމާއި ސުލްހައިގެ ދީނެއް ކަމުގައި ސިފަކޮށްފައެވެ.
"އެ ދީން އަހަރެން ބަދަލުކުރިއިރު، ދިރިއުޅުމުގެ ކަންކަން ދެނެގަތުމަށް މަގުފަހިކޮށްދިން، އެއީ އަހަރެންގެ ހިތަށް އިތުރު ހަމަޖެހުމެއް ގެނެސްދިން ކަމެއްހެން." ދަ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފަވެއެވެ.
ޕޮގްބާ ވަނީ އެކިފަހަރުމަތިން މައްކާ އަށް ގޮސް އުމުރާގެ އަޅުކަން ވެސް އަދާކޮށްފައެވެ. އަދި އޭނާ ފަސްވަގުތު ނަމާދު ކަށަވަރު ކުރެއެވެ. އެއީ މާފަށް އެދި، ސިއްހަތަށާއި ދިރިއުޅުމަށް ޝުކުރުވެރިވުމަށް އެހީވެދޭ މުހިންމު އެއް ކަމެއް ކަމަށް އޭނާ ބުނެފަވެއެވެ.
ކުޅޭ ދަނޑުމަތީގައި، ގޯލު ޖެހުމަށްފަހު އޭނާ ﷲ ތަޢާލާއަށް ޝުކުރުގެ ސަޖިދަ ޖަހައެވެ. އަދި ރަމަޟާންމަހާއި ޢީދު ފަދަ އިސްލާމީ ބޮޑެތި މުނާސަބަތުތަކުގެ ތަހުނިޔާ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!