ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމަލް ރާޖަޕަކްސަ، ސްރީލަންކާގައި ގާނޫނީ ރޮނގުން މަތީ ތަޢުލީމް އުނގެނިވަޑައިގަތުމަށް އެ ގައުމުގެ ލޯ ކޮލެޖުގެ ކޯހުން ޖާގަ ދެއްވީ ގަވާއިދުތަކާ ޚިލާފަށް ކަމަށް، "ދި އެގްޒެމިނާ" ކުރި ތަހުގީގެއްގައި ބުނެފިއެވެ.

"ދި އެގްޒެމިނާ" ނޫހުން ހާމަކޮށްފައިވާ ގޮތުން، ނަމަލް ރާޖަޕަކްސަ 2009 ވަނަ އަހަރު ލޯ ކޮލެޖަށް ވަނުމަށް އެދި ހުށަހެޅުއްވި، ލިޔުމަކީ އެ ވަގުތު ސައްހަކަން ލިބިގެންވާ ލިޔުމެއްނޫނެވެ. އެ ކޯހަށް ވަނުމަށް ނަމަލް ވަނީ އެމަނިކުފާނު އެލް.އެލް.ބީ ފުރިހަމަކުރެއްވި ކަމަށް ބުނާ ޔުނިވަރސިޓީ އޮފް ލަންޑަންގެ ލިޔުމެއް ލޯކޮލަޖަށް ހުށަހަޅުއްވާފައެވެ. އަދި ލޯކޮލެޖުގެ ކޯހުން ނަމަލް އަށް ޖާގަދެއްވީ މި ލިޔުމަށް ރިޢާއަތްކޮށް، ޝަރުޠު ހަމަވާކަމަށް ކަނޑައެޅުމަށްފަހުއެވެ. ނަމަވެސް "ދި އެގްޒެމިނާ" ނޫހުން ކުރި ތަހުގީގަށްފަހު ބުނީ ނަމަލް އެ ލިޔުން ހުށަހެޅުއްވިއިރު، ޔުނިވަރސިޓީ އޮފް ލަންޑަންގެ ކޯސްތައް ލަންކާގެ ލޯކޮލެޖުން ބަލައެއް ނުގަނެއެވެ. އަދި ނަމާލަށް ލޯ ކޮލެޖުން ޖާގަ ދިނުމަށްފަހު އެ ތާރީޚްގެ ފަހުން އެ ކޮލެޖުން ވަނީ ޔުނިވަރސިޓީ އޮފް ލަންޑަންގެ ކޯސްތައް ބަލައިގަންނަ ކަމަށް ނިންމާފައެވެ.

Ad
rt

މިކަން ކަށަވަރުކޮށްދިނުމަށް އެ ނޫހުން ފާހަގަކޮށްފައިވަނީ، މަޢުލޫމާތު ހޯދުމުގެ ހައްގުގެ (އާރް.ޓީ.އައި.) ޖަވާބެކެވެ. މި ޖަވާބުން ދައްކާ ގޮތުގައި، ލޯ ކޮލެޖުގެ ޤަބޫލުކުރެވޭ ތަންތަނުގެ ލިސްޓަށް ޔުނިވަރސިޓީ އޮފް ލަންޑަން އިތުރުކޮށްފައި ވަނީ 2009 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އެއީ ނަމަލް އަށް ލޯ ކޮލެޖުގެ ކޯހުން ޖާގަ ދިންތާ ތިން ހަފްތާ ފަހުންނެވެ.

ދި އެގްޒެމިނާގެ ތަހްގީގު ރިޕޯޓުގައި އިތުރަށް ބުނީ ރާޖަޕަކްސަގެ ދަރިވަރުންގެ ފައިލްގައި ޑިގްރީ ސެޓްފިކެޓެއް ހިމެނިފައެއް ނުވާކަމަށެވެ. އަދި އޮތީ ހަމައެކަނި ޓްރާންސްކްރިޕްޓަކާއި، ސިޓީ ޔުނިވަރސިޓީން "ތަރޑް ކްލާސް ޑިގްރީ" އެއް ލިބިފައިވާ ކަމަށް ބުނާ ލިޔުމެކެވެ. މީގެ އިތުރުން، ލޯ ކޮލެޖަށް ހުށަހެޅުނު ޓްރާންސްކްރިޕްޓާއި، އެތައް އަހަރެއް ފަހުން މާސްޓަރސް ޕްރޮގްރާމަކަށް ހުށަހެޅުނު ޑިގްރީ ސެޓްފިކެޓާ ދެމެދު ތަފާތުތަކެއް ހުރިކަން ވެސް މި ނޫހުން ފާހަގަކޮށްފައިވެއެވެ. ޚާއްސަކޮށް، މާސްޓަރސް ޕްރޮގްރާމަށް ހުށަހެޅުނު ސެޓްފިކެޓުގައި ސޮއިކުރައްވާފައިވަނީ އޭރު އެ މަގާމުން ވަކިވެވަޑައިގެންފައިވާ ވައިސް ޗާންސެލަރެކެވެ.

މި ތުހުމަތުތަކާއި ގުޅިގެން ނަމަލް ރާޖަޕަކްސަ ވަނީ އެކަންކަން ދޮގުކުރައްވާފައެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މިހާރުގެ ސަރުކާރު ވެރިކަމަށް އައިތާ މާގިނަ ދުވަސްތަކެއް ނުވެ، އޭނާގެ ލޯ ޑިގްރީއާ ބެހޭ ގޮތުން ތަހުގީގުކުރުމަށް "ބީ ރިޕޯޓެއް" ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެތައް މަސްދުވަހުގެ ތަހުގީގުތަކުން ކޯޓަށް އެއްވެސް ހޯދުމެއް ހުށަހަޅާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި ސަރުކާރު ވެރިކަމަށް އައިތާ ހަފްތާތަކެއްގެ ތެރޭގައި، އަޅުގަނޑުގެ ޑިގްރީ ތަހުގީގުކުރުމަށް ބީ ރިޕޯޓެއް ހުށަހެޅި. އެތައް މަސްދުވަހެއް ވެއްޖެ، އެއްވެސް ރަސްމީ ރިޕޯޓެއް ނެތް. މިހާރު އެބޭފުޅުން ނުގޭގޮޑާ ރެލީއަށް ބިރުގަނެގެން މި ދޮގު ޕްރޮޕެގެންޑާ ފަތުރަނީ. މި ހުރިހާ ދަޢުވާތަކަށް އަޅުގަނޑުމެން 21 ވަނަ ދުވަހު ޖަވާބުދޭނަން،" ނޮވެންބަރު 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު ފަރާތްތަކުގެ ރެލީއަށް އިޝާރާތްކުރަށްވަމުން ނަމަލް ވިދާޅުވެފަވެއެވެ.

ނަމަލް ވަނީ ޔުނިވަރސިޓީ އޮފް ލަންޑަން އިން އެޔުނިވަރސިޓީގެ ފާހަގަކޮށްލެވޭ 100 ދަރިވަރުންގެ ތެރޭގައި އޭނާގެ ނަން ޝާއިޢުކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ނަމަލްގެ ލޯ ޑިގްރީ އަކީ ސައްހަ ޑިގްރީއެއްނޫންކަމުގެ ބަހުސް ވެރިކަން ބަދަލުވުމާއެކު ފުޅާވެފައިވާއިރު، އޭނާ އަކީ ލަންކާގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރުކަން ކުރަށްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ އެންމެ ފަހުން އޮތް ލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާ ބޮޑު ބައްޔަކުން ބަލިވެވަޑައިގެންފައެވެ.

ނަމަލް އަކީ ރާއްޖޭގެ ސިޔާސީ އިސް ގިނަ ބޭފުޅުންތަކަކާ ވެސް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.